Ad

ސްޓެލްކޯއިން، ސިޓީ ކައުންސިލަށް: ބަހަނާ ނުދައްކައި ކަރަންޓު ބިލުތައް ދައްކާ!

ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކައި ތިބެން މާލޭ ސިޓީކައުންސިލުން ދައްކާނެ ބަހަނާއެއް ނެތް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއިން ކުއްޔަށް ހިފާފައިވާ ތަންތަނުގެ ކުއްޔަށް ވާ ހުރިހާ ފައިސާއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި، އެ ފައިސާ ދައްކައި ޚަލާސްކުރި ކަމުގެ ލިއުމެއް ވެސް ހޯދާފައިވާ ކަމަށެވެ. 

"ސިޓީކައުންސިލަށް، އަޅުގަނޑުމެންގެ ހިދުމަތުގެ ބޭނުންކޮށްފައި، އެ ހިދުމަތުގެ އަގު ދައްކަން ނުޖެހޭނެ އެއްވެސް ބަހަނާއެއް ނެތް. އެހެންވީމާ އަަޅުގަނޑު ގޮވައިލާނީ ސިޓީކައުންސިލުން ޕްރެސްތަކަށް އަރައި ފާޑުފާޑުގެ ވާހަަކަ ދައްކަވާނެ ކަމެއް ނެތް. އަވަހަށް ބިލު ދައްކަވާ. އެހެންނޫނީ ކުރިމަގުގައި އަދިވެސް ކަރަންޓް ކަނޑައިލާނަން،" ޝަރީފު ވިދާޅުވި އެވެ.

ކަރަންޓް ބިލު ނުދައްކާތީ މާލޭގެ އާއްމު ތަންތަނުން ކަރަންޓް ކަނޑައިލަން ސްޓެލްކޯއިން އުޅޭ ކަމަށް ސިޓީކައުންސިލުން ކޮށްފައިވާ ތުހުމަތު ޝަރީފު ދޮގުކުރެއްވި އެވެ. އޭނާ  ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ކަރަންޓް ކަނޑައިލާފައި ވާނީ ސިޓީކައުންސިލުން ވިޔަފާރި އުސޫލުުން، ކުއްޔަށްދޭ ތަންތަނާއި ކަރަންޓް ވިއްކައިގެން އާމްދަނީ ހޯދާ ތަންތަނާއި ބައެއް އޮފީސް އިމާރާތްތަކުން ކަމަށެވެ.

"ސިޓީ ކައުންސިލުން އަޅުގަނޑުމެންނަށް ފައިސާ ނުދައްކާތާނގައި، އަޅުގަނޑުމެންނަށް ކުރަނީ ޖެއްސުން،" ޝަރީފު ވިދާޅުވިއެވެ.

މާލޭ ސިޓީކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ވެސް ޝަރީފު މިއަދު އާއްމުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖެނުއަރީމަހާ ހިސާބަށް އައި އިރު ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ އަަދަދަކީ 14 މިލިޔަނެވެ. އޭރުގައި ފައިސާ ދައްކަން އެންގުމުން ބަހާލައިގެން އެފައިސާ ދައްކަން ސިޓީކައުންސިލުން ސްޓެލްކޯއާ އެކު އެއްބަސްވުމެއް ހެދި ކަމަށާއި އެހެން ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޓީކައުންސިލުން ކަރަންޓް ބިލުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 18.4 މިލިޔަނަށް އެރުމުން މިދިޔަ އޮކްޓޯބަރު މަހު ސްޓެލްކޯއިން ސިޓީއެއް ފޮނުވާފައިވާނެ ކަަމަށާއި ދައްކަން ޖެހޭ ފައިސާގެ އަދަދު 19 މިލިޔަނަށް އެރީމާ މިދިޔަ ޑިސެމްބަރުމަހުގެ ހަތަރު ވަނަ ދުވަހު ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *