ފުޓުބޯޅައިގެ މަޝްހޫރުތަރިންގެ މާޒީގެ ޑައިރީއަށް ބަލާއިރު އެމީހުންގެ ޅަފަތުގެ ދައުރު ހޭދަކޮށްފައިވަނީ ވަރަށް ނިކަމެތި ފަގީރު ހާލުގައެވެ. ތިރީގައި މި ލިސްޓުކޮށްލަނީ ފަގީރުކަމުން މުއްސަނދިކަމާއި މަޝްހޫރުކަމަށް ވާސިލުވި އެންމެ ފާހަގަކޮށްލެވޭ ދިހަ ކުޅުންތެރިންނެވެ.
ލުއިސް ސުއަރޭޒް
ސުއަރޭޒްގެ އާއިލާގެ ފަގީރުކަމާއި ދިރިއުޅެން ޖެހިފައިވާލެއް ނިކަމެތިކަމުން އޭނާ ފުޓުބޯޅަ ދަސްކުރަމުން ދިޔައީ ބޫޓެއް ނެތި ހުސްފަޔާއެވެ. އަވަށްޓެރި ގުރޫޕަކާއެކު ފުޓުބޯޅަ ކުޅެން ފެށިފަހުން 12 އަހަރުގައި އޭނާގެ ހުނަރު ގިނަ ބަޔަކަށް ފާހަގަވެގެންދިޔައެވެ. އެކަމާ ނުތަނަވަސްވި ބައެއް އެކުވެރިން ލުއިސް ސުއަރޭޒްގެ ކުރިއެރުން މަޑުޖެއްސުމަށް ރޭވުންތައް ރާވައި، ތަފާތު ގެއްލުންތައް ދެވޭތޯ މަސައްކަތްކޮށްފައިވެއެވެ، އެހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް މިހާރު ސުއަރޭޒްގެ ނަން އޮތީ މިލިއަނަރުންގެ ލިސްޓުގައެވެ. މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގައެވެ.
ލުކާ މޮޑްރިކް
އުމުރުން ވަރަށް ހަގުއިރު ރެފިއުޖީ ކޭމްޕެއްގައި އުޅެން ޖެހުނެވެ. ކުރޮއޭޝިޔާ މިނިވަންވުމުގެ ހަނގުރާމައިގެ ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭނާ އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެން ފެށީ ރެފިއުޖީ ކޭމްޕް ކައިރީގައި އޮންނަ ކާރު ޕާކުކުރާ ސަރަހައްދެއްގައެވެ. ދުވަހުގެ ނާސްތާ ހޯދުމުގައާއި އަސާސީ ބޭނުންތައް ފުއްދުމުގައި އޭނާގެ ޅައުމުގައި ކޮށްފައިވަނީ ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. އެހެންނަމަވެސް ހިތްވަރު ދޫނުކޮށް ފުޓުބޯޅައިގެ ހުނަރު ދަސްކުރަމުން ދިޔައެވެ. މިހާރު ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ހިނގާ އެއް ނަމަކީ މި ނަމެވެ. އިންތިހާ މުއްސަނދިކަން އޭނާއަށް ލިބިފައި މިހާރު އެބައޮތެވެ.
ކާލޯސް ޓެވޭޒް
އާޖެންޓީނާގެ އެންމެ ފަގީރު ހިސާބުގަނޑުގައި ކުށްވެރިން ގިނަ ވެއްޓެއްގައި ޅައިރު ހޭދަކުރި ކާލޯސް ޓެވޭޒް އަކީ މަގުމަތީ ތަޅާފޮޅުންތަކުގައިވެސް ބައިވެރިވެ އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ދަތްޕިލައަށް ބަލާބަލާށެވެ، އެއީ އެކަމުގެ ސާދާ ހެއްކެކެވެ. އެ ހުރިހާ އުނދަގޫ ތަކަކާއެކުވެސް އޭނާ ފުޓުބޯޅަ ކުޅެން ވަގުތު ހޯދައެވެ. އާއިލީ ފަގީރުކަމުގެ ސަބަބުން އާ ބޯޅައެއް ގަނެވޭނެ ގޮތެއް ނެތިގެން، އަވަށްޓެރިންގެ އެހީތެރިކަން ހޯދަމުން ގެންދިޔައެވެ. އެހުރިހާ ދަތިތަކާއެކުވެސް ކުރިއެރުން ހޯދަމުން ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް އޭނާ ވަނީ ވެފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
އޭނާގެ ޅަފަތާއި ފުރާވަރުގެ ދުވަސްވަރު ހޭދަކުރީ އާއިލާ ތިން ކުދިންނާއެކު އެއް ކޮޓަރިއެއްގައެވެ. ތުވާލިން ބޯޅަ ހަދައިގެންވެސް ފުޓުބޯޅައިގެ ހުނަރުތައް ދަސްކުރަމުން ގެންދިޔައެވެ. މެންޗެސްޓާ ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު ފުރަތަމަ ފަހަރަށް މަތިންދާ ބޯޓަކަށްއެރި ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިންގެތެރޭގައި ހިމެނޭ ކްރިސްޓިއާނޯގެ މިލްކިއްޔާތުގައި އަމިއްލަ ޖެޓާ، އަގުބޮޑު ގެތަކާއި ދުޅެހެޔޮ ބޭންކް ބެލެންސެއް އެބައޮތެވެ.
އެލެގްޒެންޑްރާ
އޭނާގެ ފުރާވަރުގެ ދުވަސްވަރު ފުޓުބޯޅަ ކުޅެން ބޭނުންކުރީ އެންމެ ބޫޓެކެވެ. ހަލާކުވުމުން ޕެޗްއަޅައިގެން އެބޫޓު އެތައް ޒަމާނެއްގައި ބޭނުންކުރިއެވެ. އާ ބޫޓެއް ގަނެވޭނެ ފަދައެއް އޭރު ނެތުމުންނެވެ. އެކަމަކު މިހާރު އެލެގްޒެންޑްރާގެ ނަން އޮތީ މުއްސަނދިންގެ ލިސްޓުގައެވެ.
ޑެނީ އަލްވެސް
ކޮންމެ ދުވަހެއްގެ ފަތިހު ހަތަރެއް ޖަހާއިރު ހޭލައިގެން އޭނާގެ ބައްޕަގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމުގައި އުޅުނެވެ. ދުވާލުގެ ވަގުތުތަކުގައި ސާޅީސް ޑިގްރީ ސެލްސިއަސްގެ ހޫނުގައިވެސް މެދުނުކެނޑި ކުޑައިރު މަސައްކަތްކުރި މުރާލި ކުއްޖެއްގެ ގޮތުގައި އޭނާ ފާހަގަކުރެވިފައިވެއެވެ. އޭނާ އޭރު ނިދަނީ ކޮންކްރީޓް އެނދެއްގައެވެ، ބައެއް ފަހަރު އެ އެނދަކީ އޭނާގެ ފުޓުބޯޅަ ޕްރެކްޓިސް ކުޅާ ދަނޑެވެ. މިހާރު އޭނާގެ މިލްކިއްޔާތު މިލިއަން ޑޮލަރުން ގުނެއެވެ.
ޒަލަޓާން އިބްރަހަަމޮވިޗް
ބޮޑުވަމުން އައީ ވަރަށް އާދައިގެ އަވަށެއްގައެވެ. ފުޓުބޯޅަ ކުޅެން ފެށުމުގެ ކުރިން އޭނާގެ ކަމަކީ ބައިސްކަލު ދުއްވުމެވެ. އެއީ ވަގަށްނަގާފައިވާ ބައިސްކަލެކެވެ. ފަހުން ފުޓުބޯޅަ ދަސްކުރަން ފެށީ އަވަށުގައި އަޅާފައިވާ ކޮމިއުނިޓީ ބާސްކެޓް ބޯޅަ ކޯޓެއްގައެވެ.
ނޭމާ
ނޭމާ ކުޑައިރު ދިރިއުޅުނީ ކާފަގެ ގޭގައެވެ. މައިންބަފައިންނާއި ދައްތައާއެކު އެންމެން އުޅުނީ އެއް ކޮޓަރީގައެވެ. އިސްކޮޅުން ދިގުކަމުން ފުރަތަމަ އުޅުނީ ވޮލީ ނުވަތަ ބާސްކެޓް ކުޅެން ދަސްކުރާށެވެ. އެކަމަކު އުޅެބޮޑުވި ހިސާބުގަނޑުގައި ކުޑަކުދިން އެންމެ ގިނައިން ކުޅެއުޅެނީ ފުޓުބޯޅަކަމުން އޭނާވެސް ގުރޫޕުތަކާ ބައިވެރިން ކުޅެން ފެށީއެވެ.
އެލެކްސިސް ސަންޗޭޒް
އާއިލާއަށް ލިބޭ އާމްދަނީން ބޭނުންތައް ފުއްދޭވަރެއް ނުވެއެވެ. އެހެންވެ އޭނާ އާމްދަނީ ހޯދުމަށްޓަކައި ކާރު ދޮވެދިނުމުގެ މަސައްކަތްކުރަން ފެށިއެވެ. ފުޓުބޯޅަ ކުޅެނީ މަސައްކަތުގައި އުޅެމުން ލިބޭ ހުސްވަގުތުތަކުގައެވެ.
ފްރޭންކް ރިބަރީ
ފުރާންސްގެ އުތުރުގެ ފަގީރު އަވަށެއްގައި ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދަތިހާލުގައެވެ. ރިބަރީއަކީ ކޮންސްޓްރަކްޝަން މަސައްކަތުގައި ވަރަށް ޅައުމުރުގައި ހަރަކާތްތެރިވި ހިތްވަރުގަދަ ނަމޫނާއެކެވެ. ފުޓުބޯޅަ ކުޅެން ދަސްނުކުރިނަމަ އޭނާވީހީ އިމާރާތްކުރުމުގެ ދާއިރާގެ ލޭބަރަކަށެވެ.