މަސްޖިދުއް ނަބަވީގެ އިމާމް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވައިފި އެވެ.
މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވުމާ ގުޅިގެން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާންމު ކޮށް ހުޅުވާލައިގެން ދީނީ ދަރުސެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުން އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ސަލްމާން މިސްކިތަށް ވެސް ޒިޔާރާތް ކުރައްވުމުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ވެސް ކުރައްވާނެ.ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ ހަރަމްފުޅުގެ އިމާމަކު، ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކުރައްވާފައި ނުވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މީގެ 40 އަހަރު ކުރިން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހް މުހައްމަދު އައްސުބައްޔިލް އެވެ.