Ad

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ވެންޑައިކަށް ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަންގައި ދެން ނުކުޅެވޭނެ!

އެވަޓަންއާ ދެކޮޅަށް މި ހަފްތާގައި ލިވަޕޫލުން ކުޅުނު މެޗުގައި އެވަޓަންގެ ކީޕަރު ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް މި ސީޒަންގައި ދެން ނުކުޅެވެނެ ކަން ކަށަވަށު ވެއްޖެއެވެ.

ކަކުލުގެ ލިގަމެންޓްގެ އެންޓީރިއާ ކްރޫސިއޭޓް ލިގަމެންޓް (އޭސީއެލް)އަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ވެންޑައިކް ސާޖަރީއަކަށް ދާން ޖެހިފައިވާކަން އޭނާގެ ސްކޭންތައް ބެލުމަށްފަހު ހާއްސަ ޑޮކްޓަރަކު ވަނީ ޔަގީން ކޮށްދީފައެވެ. ކަކުލުގެ އޮޕަރޭޝަނަށްފަހު ކުޅުމުގެ ތެރެއަށް އެނބުރިއައުމަށް މަދުވެގެން 8 މަސް ނަގާނެއެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ޑިފެންޑަރު ވެންޑައިކަކީ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިދިޔަ ދެ ސީޒަންގައި އޭނާ ވަނީ އެކަން ސާބިތު ކޮށްދީފައެވެ.ލިވަޕޫލުން މިދިޔަ ސީޒަންގެ  ޕްރިމިއާ ލީގު ކާމިޔާބުކުރި އިރުވެސް އެންމެ މުހިއްމު ރޯލެއް ކުޅުނު ވެންޑައިކްއަކީ އޭގެ ކުރީ ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށް، ބެލޮންޑިއޯގެ ގަދަ ތިނެއްގައިވެސް ހިމެނިފައެވެ. އެފަހަރު ވެންޑައިކަށް ލިބުނީ ދެވަނަ އެވެ.

ވެންޑައިކްގެ އޭސީއެލް ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް މި ސީޒަން އެއްކޮށް ގެއްލޭނެކަމަށް ބެލެވިފައިވާއިރު މިއީ ލިވަޕޫލްގެ އިތުރުން ނެދަލެންޑްސްއަށްވެސް ލިބޭނެ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެކެވެ. ވެންޑައިކަކީ ނެދަލެންޑްސްގެ ކެޕްޓަނެވެ. އެ އަނިޔާގެ ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކި ވެންޑައިކް މީސް މީޑިއާ މެދުވެރިކޮށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެނބުރި އަންނާނީ މިހާރަށް ވުރެ ވަރުގަދަކޮށް ކަމަށާއި، ހަޔާތުގައި ދިމާވާ ދަތި ދުވަސްތަކުގައި ހިތްވަރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ހާއްސަ ޑޮކްޓަރަކާއެކު މިހާރުވެސް ރިހިބްލިޓޭޝަން ފަށައިފިން. ހުރިހާ ފޯކަސްއެއް ހުރީ ވީ އެންމެ އަވަހަކަށް ދަނޑު މައްޗަށް ނުކުތުމަށް. އަހަންނަށް ވެސް ލިބުނު ވަރަށްބޮޑު ނުތަވަސްކަމެއް މިއީ. އެކަމަކު އަހަންނަކީ ދަތި ވަގުތުތަކަކީވެސް ހާއްސަ ފުރުސަތެއްކަން ގަބޫލުކުރާ މީހެއް. ފުޓުބޯޅައިގައި އެކަންޏެއް ނޫން. ހަޔާތުގެ ކޮންމެ ކަމެއްވެސް މެދުވެރިވާނީ ސަބަބަކަށް. އެކަމަށް ވިސްނައި، އުނދަގޫ ވަގުތުތަކުގައިވެސް ހިތްވަރު ކުރަން ޖެހޭނެ. އަންހެނުންނާއި ދަރިންގެ އިތުރުން މުޅި އާއިލާއާއި ލިވަޕޫލްއާއެކު އަހަރެން މި ކުރިމަތިލަނީ ބޮޑު ޗެލެންޖަކަށް،" އުމުރުން 28 އަހަރުގެ ވެންޑައިކް ބުނެފައި ވެއެވެ.

އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ޖެހި ޓެކުލަކުން ވެންޑައިކްގެ ފަޔަށް ތަދުވެ، މެޗުގެ 11 ވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހިފައި ވެއެވެ. ވެންޑައިކްގެ ކަކުލަށް އަނިޔާވެ މެޗުން ބާލައިގެން ސީދާ ގެންގޮސްފައި ވަނީ ހޮސްޕިޓަލަށެވެ. އެވަޓަންގެ އޭރިއާ ތެރެއިން ޕިކްފޯޑް، ވެންޑައިކް ފަޔަށް ކުރި ޓެކުލަށް ޕެނެލްޓީއެއް ނުދިނުމުގެ އިތުރުން އެ ނުރައްކާތެރި ހަމަލާއަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ މެޗުގައި ޝަކުވާ ވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *