ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދު (ޠައިބާ ޝެއިޚް) އަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައި

ދިވެހިރާއްޖޭގެ ޔުނިވާސިޓީއަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދު (ޠައިބާ ޝެއިޚް) އަށް އަރުވައިފިއެވެ.

ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ދަވަސްވެނިވުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދު (ޠައިބާ ޝެއިޚް) އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އެރުއްވެވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރިމެޙްމާން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެވެ.

ދ. މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދު އަކީ އިލްމު އުނގެނުމަށާއި އިލްމު އުނގަންނަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ފަޟީލަތުއްޝައިޚް އިސްމާޢިލް މުހައްމަދު އަކީ ރަށްރަށުން ތައުލީމު އުގަންނަވައިދެއްވުމަށް މާލެ ގެނެވުނު ކުދިންގެ ތެރޭގައި ހިމެނި މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށްފަހު އެކި ކަހަލަ މަސައްކަތްތައް ކުރައްވައިގެން ފައިސާ އެއްކުރައްވައިގެން އަމިއްލަފުުޅަށް އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ޓެމިލްނާޑޫގެ ޖާމިޔާ ދާރުއްސަލާމް އިން ތައުލީމު ހާސިލްކުރެއްވިއެވެ. އެއަށްފަހު ސައުދީއަރަބިއްޔާ އަށް ވަޑައިގެން މަދީނާ ޔުނިވާސިޓީ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.

ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތް ފުރަތަމަ ދިވެހި ދަރިވަރެވެ. އެޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވީ، ކުއްލިއަތުއް ދަޢުވާ ވަލް އުސޫލުއްދީންގައެވެ. އަދި ޓީޗިން މެތަޑޮލޮޖީއިން އެޔުނިވަރސިޓީންވަނީ އިތުރު ކޯހެއްވެސް ފުރިހަމަ ކުރައްވާފައިވެއެވެ.

އިލްމު އުނގަންނަވައިދެއްވުމަށް ފަޟީލަތުއްޝައިޚް އިސްމާޢިލް މުހައްމަދު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުގެ ތެރޭގައި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ ޓީޗަރުކަން އަދާކުރުމުގެ އިތުރުން އޭރުގެ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ ކަލޭފާން) އާއި ގުޅިގެން މާފަންނު ޠައިބާ މިސްކިތް މިހާރު ހުރި ބިމުގައި އަރަބި އިސްލާމީ ތައުލީމު ފޯރުކޮށްދިނުމަށް މަދުރަސާއެއްވެސް ހިންގަވާފައިވެއެވެ. އަދި މީގެ އިތުރުން ޝެއިޚްގެ އެހީތެރިކަމާއެކު ދިވެހި 100 އަށްވުރެ ގިނަ ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދެއްވާފައެވެ.

ފަޟީލަތުއްޝައިޚް އިސްމާޢިލް މުހައްމަދު މިހާތަނަށް ދިނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދީނީ ކަންކަމާގުޅޭ 40 ފޮތެއް ވަނީ ލިޔެ ނެރުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *