ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކަށް ލައިސެންސް ދޫކޮށްފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިގޮތަށް ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ސައީދު ވަނީ ރާއްޖެ އިން ޑިވެލޮޕްމަންޓް ބޭންކިންގގެ ފުރަތަމަ ލައިސަންސް ލިބުމަކީ ލިބުނު ޝަރަފެއް ކަމުގައި ވިދާޅުވެފަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މެނިފެސްޓޯގައި ތަސައްވުރު ކުރައްވައި، ކަނޑައަޅުއްވާފައިވާ އިގްތިިސާދީ ތަރައްގީގެ ތަސައްވުރުގައި ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހު އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަސައްކަތްތަކަށް އިންވެސްޓް ކުރުމަށް ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތަށް ގާއިމްކުރާ ބޭންކެކެވެ. މި ބޭންކުން ސަރުކާރުން އިސްނަގައިގެން ހިންގާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ވެސް ފައިސާ ހޯދުމަށް ހަމަޖެހިފައި ވެއެވެ. އަދި ސިންޑިކޭޝަން ފައިނޭންސިން މެދުވެރިކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވެސް ސަރުކާރުން އަމާޒު ހިފާފައި ވެއެވެ