ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޔޯނަސް ގާރ ސްޓާރަރ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ ރަސްގެފާނު ހެރަލްޑް 5 ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ކަމަށާއި، އެ ޤައުމަށް ކުރިމަތިވި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝާހީ ޢާއިލާއަށާއި، ނޯވޭގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރައްވާ ކަމ،ަށެވެ.
އަދި އަވަހާރަވެވަޑައިގަތް ނޯވޭގެ ރަސްގެފާނަކީ މުޅި ޢުމުރުފުޅުގައި ނޯވޭގެ ޝާހީ ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައި، ސާބިތު ހިންގުންތެރިކަމެއް ދެއްކެވި، އަދި ނޯވޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުހަނު އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން އާކުރެވޭނެ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ގެއްލުމެއް ނޫން ކަމަށާއި، އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކާއި އަގުހުރި މަސައްކަތްޕުޅުތައް ބަލައިގަންނަ އެންމެހާ ފަރާތްތަކަށް ލިބުނު ފުން ހިތާމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ރަސްގެފާނު ހެރަލްޑް 5 ވަނައިގެ ޚިދުމަތްތަކުގެ ހަނދާންތަކުން ޝާހީ ޢާއިލާއަށް ހިތްވަރާއި ތަސައްލީ ލިބި، މި ހިތާމައިގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް، ކެތްތެރިކަން ލިބުމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.