ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ޓެކްސްތަކާއި ރާއްޖޭގެ އެއާޕޯޓަކުން ބޭރު ގައުމަކަށް ފުރާ ކޮންމެ މީހުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކުހަށް ގެންނަ ބަދަލުން ދައުލަތުގެ އާމްދަނީ އަށް 2.7 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ތިން ޓެކުހެއް ބޮޑު ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް މިހާރު ވަނީ ހުށަހަޅައިފައެވެ.
އެއީ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގާ އަދަދު 12 ޑޮލަރާ ހަމައަށް ބޮޑުކުރަން ޓޫރިޒަމްގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހާއި ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުން އަންނަ ޓީޖީއެސްޓީ %17 އަށް ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހާއި ރާއްޖޭގެ އެއާޕޯޓަކުން ބޭރު ގައުމަކަށް ފުރާ ކޮންމެ މީހުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކުހަށް ބޮޑު ބަދަލެއް ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅި ބިލެވެ.
ޓީޖީއެސްޓީގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން މިހާރު ޓެކްސްގެ ގޮތުގައި ނަގަމުން އަންނަނީ %16 އެވެ. އިސްލާހުގައިވާ ގޮތުން އެ އަދަދު ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަން ފަށާނީ %17 އެވެ. އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.
ބިލަށް އަމަލު ކުރަން ފެށުމުން އަންނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 201.9 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.
ޓޫރިޒަމްގެ ގާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ހަ ޑޮލަރު ނަގައެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ނަގަމުން އަންނަނީ ބޮލަކަށް ތިން ޑޮލަރެވެ.
އެކަމަކު، ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ މުސްތަފާ ހުށަހެޅުއްވި ބިލްގައި ވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން ގްރީން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. މި ބަދަލު ގެންނާނީ އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.
އަލަށް ގެންނަ ބަދަލާއެކުގައި ސަރުކާރުން ލަފާކުރާ ގޮތުން އަންނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި 2026 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ގެންނަ ބަދަލާ އެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގަން މިހާރު ކަނޑައަޅާފައިވާ އަގަށް ބަދަލެއް ނާންނާނެއެވެ. އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން މިހާރު ވެސް ނަގާނީ ކޮންމެ ފަސިންޖަރަކަށް ޑިޕާޗާ ޓެކްސް އަށް 12 ޑޮލަރާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 12 ޑޮލަރެވެ. އެކަމަކު، ބިލް މިހާރު އޮތީ ބިޒްނަސް ކްލާހުން ފެށިގެން މަތިން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސް ބޮޑުވާ ގޮތަށެވެ. އަދި އިކޮނޮމީ ކްލާހުން މަތިން ފެށިގެން ދަތުރު ކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ވަނީ ނިންމައިފައެވެ.
މި އަދަދުތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 762.5 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި 2026 ވަނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 895.7 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 964 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރު 944.6 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.