އިއްޔެ ނ.އަތޮޅު ހޮސްޕިޓަލްގައި ނިޔާވި ފަސްމަހުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ތުއްތު ކުއްޖާ ގާތުން ނުބޯތާ 1 ދުވަސްވެ ހޮޑުލާތީ އެންމެ ފުރަތަމަ ދެއްކީ 21 ވީ ބުދަ ދުވަހު މެންދުރު ފަހު 2:30 ހާއިރު ފޮއްދޫ ސިއްހީ މަރުކަޒަށެވެ. ކުއްޖާ ބެލުމަށްފަހު ފޮއްދޫ ޑޮކްޓަރ އާއިލާއަށް އެންގީ ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކުމަށް ހޮޅުދޫ ނުވަތަ ވެލިދުއަށް ދިއުމަށެވެ. އޭގެ ފަހުން ކުއްޖާ ނޭވާލާން އުނދަގޫވެގެން ވެލިދޫ ސިއްހީ މަރުކަަޒަށް ދެވުނީ އެރޭ 9:30 ހާއިރުއެވެ.
ވެލިދޫ ސިއްޙި މަރުކަޒުގައި ކުއްޖާއަށް ފަރުވާ ދިނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރާއި، އާންމު ބަލިތަކުގެ ޑޮކްޓަރެވެ. ރޭގަނޑު 9:30 އިން ފެށިގެން ދަންވަރު 2:30 ވަންދެން ވެލިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އާސަންދަ މެދުވެރިކޮށް ނ.އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރީ ދަންވަރު 2:50 ގައެވެ. ވެލިދޫ ސިއްހީ މަރުކަޒުގައި ކުޑަކުދިންގެ ޑޮކްޓަރެއް ހުރި ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތި ފުރިހަމަ ފަރުވާ ނުލިބި 5 ގަޑި އިރު ހޭދަވުމަށްފަހު ނ.އަތޮޅު ހޮސްޕިޓަލަށް ކުއްޖާ ފޮނުވާލީ އެކްސްރޭ އެއް ނެގުމަށެވެ.
އަތޮޅު ހޮސްޕިޓަލުން އެކްރޭ ގެނުމަށްފަހު ކުއްޖާގެ ހިތުގެ މަައްސަަލަތަކެއް ފާހަގަވެފައިވާތީ ހޮސްޕިޓަލްގެ ޑޮކްޓަރ ނިންމެވީ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށެވެ. އަދި އައިޖީއެމްޗްގެ ކުޑަކުދިންގެ ޑޮކްޓަރާ ވާހަކަ ދެއްކުމަށްފަހު ފަރުވާގެ ކަންކަން ކުރިއަށް ގެންގޮސް، ކުއްޖާ އާންމު ހާލަތަކަށް ގެެނެސް މާލެ ފޮނުވުމަށް އާސަންދަ ހަމެޖެހުނީ ހެނދުނު 10:30 ހާއިރުއެވެ. އަދި އެއަރ އެންބިއުލާންސް ހަމަޖެހުނު ފަހުން، އިއްޔެ މެންދުރު 12:30 ހާއިރު ކުއްޖާ ވަނީ ނިޔާވެފައެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތުން އަންނަނީ ބަލަމުންނެވެ.