ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ފައްޓަވާފައިވާކަމަށެވެ. އަދި މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ވަނީ ފަށާފައި. މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ." ރައީސް ވިދާޅުވިއެވެ،
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުންވެސް ވަނީ މިމަހުގެ 21 ވަނަ ދުވަހު ހާމަކުރައްވާފައެވެ.
ވާނުވާ ބަންދުގައި މިވަގުތު 354 މީހުން އެބަތިއްބެވެ. މީގެތެރޭގައި، މާރާމާރީގެ މައްސަލަތަކުގައި 70 މީހުންނާއި، ރޭޕާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 108 މީހުން އަދި ޓެރަރިޒަމުގެ ކުށުގެ ތުހުމަތުގައި 17 އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 118 މީހުން ހިމެނެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޓެގު އަޅުވާފައި ބަންދަށް ލުއި ދޭނީ، ބަންދަށް ލުއި ދޭން ފެންނަ ހާލަތްތަކުގައި، ބަންދު މުރާޖައާކުރަން ކޯޓަށް ހުށަހަޅައިގެންނެވެ. މި ލުއި ދޭން ނިންމާފައި ވަނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ.
ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.