ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކް ބޭންކިންގ ޕާޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި ހިނގާ ޖޫން މަހުގެ 18 އަދި 19 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގޭ ނެޓްވޯކިންގ އިވެންޓެކެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދޭ މަންސައަކަށްވެގެންދާނެއެވެ. މި އިވެންޓުގައި "ސީއީއޯ ސަމިޓް"ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
"ރާއްޖޭގެ ވިޔަފާރި މުޖުތަމަޢު ބާރުވެރިކުރުވައި، އިގްތިސާދީ ތަރައްގީ ގެނައުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނުހަނު ބޮޑު އިސްކަމެއްދެން. ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، އައު ގޮތްތައް ހޯދައި، ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު މަންސައެއް. އަދި މިއީ ވިޔަފާރިވެރިންނާއި ޕްރޮފެޝަނަލުންނަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީ، ހިޔާލު ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ މަންސައެއްވެސްމެ. މި އިވެންޓަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރާނެ އަދި ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ އިވެންޓަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން." ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ އެ ބޭންކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ. ލޯނުތަކާއި ފައިނޭންސިންގެ އިތުރުން، ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުޢާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރު ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ކޮންމެ ތަނަކުން ވެސް އެކައުންޓް ހުޅުވައި ޚިދުމަތްތައް ލިބޭނެ ފުރިހަމަ ޑިޖިޓަލް އޮންބޯޑިންގ ޕްރޮސެސްއެއް ތަޢާރަފުކޮށްފައެވެ.