ކޮމިޝަނަށް ދޮގު ބަޔާންދީފައިވާތީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ދާއޫދު މަޤާމުން ވަކިކޮށްފި

ޔުމްނު ވެއްޓުނު މައްސަލައިގައި، ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދިންކަން ފަޅާއެރުމުން އޭނާ މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އޭނާ ތަހުގީގަށް ދޮގުހެދިކަން މި މައްސަލައާ ގުޅިގެން އެމަނިކުފާނު އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.

"2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފި." ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދާއޫދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ ދާއޫދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ގުޅައި މެސެޖު ކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ އޭޕްރިލް 18، ގެ ރޭގަނޑު ދާއޫދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ.

ދާއޫދު ވަކިކުރަން ނިންމިއިރު އޭނާ ހުރީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *