ކ. އުތުރުތިލަފަޅުގައި ހުރިހާ ޖަލެއް އެއްކޮށްލައިގެން ހަދާ 'ސެންޓްރަލް ޕްރިޒަން' އާއި ކުށް ކުރާ ކުދިން ކުށުގެ މާހައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް 'ހޯޕް އައިލެންޑް' ގެ ނަމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ރީހެބިލިޓޭޝަން ފެސިލިޓީ ހެދުމަށްޓަކައި 4 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯޕް އައިލެންޑް އަދި ސެންޓްރަލް ޕްރިޒަން މަޝްރޫއު ހިންގުމަށްޓަކައި 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ހުށަހެޅުމުގެ ފުރުސަތު ކުންފުނިތަކަށް މިނިސްޓްރީން ހުޅުވާލީ މިދިޔަ އޭޕްރިލް 21 ގަ އެވެ. އެ މުއްދަތު ވަނީ އެ މަހުގެ 27 ގެ ނިޔަލަށް ހަމަވެފަ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ އިޙްސާން ވިދާޅުވީ ޖަލުތައް އެއްކޮށްލުމުގެ މަޝްރޫޢުގެ ސަބަބުން %40، ހިންގުމުގެ ޚަރަދުން ކުޑަކުރެވޭނެކަމަށެވެ. އެންމެ ބޮޑު ބަދަލަކަށްވާނީ، ޖަލުތައް ބެލެހެއްޓުން ބައިނަލްއަޤްވާމީ ފެންވަރަށް ގެނެވި، ކުށުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ފެންވަރު ރަނގަޅު ނިޒާމެއް ޤާއިމުކުރެވުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙުސާން ވިދާޅުވީ، ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝަޢުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، 4 ފަރާތަކުން ޝަޢުގުވެރިކަން ފާޅުކުރިކަމަށެވެ. އެއީ ރާއްޖޭގެ ކުންފުންޏަކާއި ރާއްޖެއިން ބޭރުގެ 3 ޤައުމަކުންނެވެ.
"މީގެތެރޭގައި އެބަ ހިމެނޭ އެމެރިކާގެ ކުންފުންޏެއް، ޗައިނާގެ ކުންފުންޏެއް ދެން އަދި ދިވެހި ކުންފުންޏަކާއި މެލޭޝިޔާގެ ކުންފުންޏެއް ވެސް. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ހޯޕްފުލް މި ފަރާތްތައް ވަރަށް ކޭޕަބަލް ކުންފުނިތަކެއް. އޭގެ ފައިނަލް ޕްރޮޕޯސަލް އަޅުގަނޑުމެންނާ ހިސާބަށް ލިބުމުން އިވޭލުއޭޓްކޮށްފަ މިތަނުން ކޮންމެވެސް އެއް ބަޔަކަށް މި މަސައްކަތް ހަވާލުކޮށްގެން އަމަލީ މަސައްކަތް އަޅުގަނޑުމެން މި ބަލަނީ އަންނަ ޖުލައި މަސް ތެރޭގައި ފެށޭ ވަރުވޭތޯ." ވަޒީރު ވިދާޅުވި އެވެ.
އުތުރުތިލަފަޅުގެ 15 ހެކްޓަރުގެ ބިމެއްގައި ގާއިމުކުރާ ހޯޕް އައިލެންޑް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގަ ހުންނާނެ ގޮތަށެވެ. ސެންޓްރަލް ޖަލު އެޅުމަށް ހަމަޖެހިފައިވަނީ 6000 މީހުންގެ ޖާގަ ހުންނާނެ ގޮތަށެވެ. މި ދެ މަޝްރޫއު ނިންމުމަށްފަހު 2027 ވަނަ އަހަރުގެ އޮކްޓޯބަރުގެ ކުރިން ސަރުކާރާއި ހަވާލުކުރަންޖެހޭނެ ކަމަށް މިނިސްޓްރީން މީގެކުރިން އިއުލާނުގައިވެ އެވެ.




