ދ. ގައްދޫން ފުރައިގެން އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ގަމަށް ދަތުރުކަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު ގަމު ކޮޅަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަމު ކޮޅުން ޒަކަރިއްޔާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11:45 ހާއިރު ކަމަށެވެ. ޒަކަރިއްޔާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކަށެވެެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަނުގައި އިއްޔެ ކުރި ދެވަނަ ޑައިވްގައި، ގައްދޫއާއި ގަމުގެ ދެމެދު އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އޭނާ ދުއްވި ޑިންގީ ވަނީ ފެނިފައެވެ.
ކުޑަ ޑިންގީއެއްގައި އެކަނި ދަތުރު ކުރަނިކޮށް ގެއްލުނު އުމުރުން 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާތާ ތިން ދުވަސް ވެއްޖެއެވެ. ޖުލައި 10 ވަނަ ދުވަހުގެ ހެނދުނު ގަމުން ގައްދުއަށް އަންނަން ފުރި ޒަކަރިއްޔާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ ހަވީރެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.