ރައިސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވައިފިއެވެ.
ދޮށިމޭނާ ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައިބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގް އިފްތިތާހު ކުރުމުގެ ކުރިން ވަނީ އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.
އިންޑިއާގެ ހިލޭ އެހީގައި އެޅި މި އިމާރާތް ޑިފެންސް މިނިސްޓްރީގެ ބޭނުންތަކުގެ އިތުރުން ކޯސްޓްގާޑްގެ ހިދުމަތްތަކަށް ބޭނުންކުރާނެ އެވެ. އިމާރާތް ހުޅުވުމުގެ ގޮތުން ދެއްކި ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި އެ އިމާރާތަކީ މުސްތަގުބަލުގެ ކުރިއެރުމަށް މަގުފަހިކޮށްދީ، ހިންގުމަށް ހަރުދަނާކަން ގެނެސްދީ، ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރާނެ މަރުކަޒަކަށް ވެގެންދާނެ އެވެ.
ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި މި ޢިމާރާތަކީ ދިވެހިރާއްޖޭގެ ސިފައިންގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.
އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު ބޮޑުވަޒީރު މޯދީ ދިވެހިބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް" ކަމަށެވެ.