އިނގިރޭސި ޕްރިިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑުގެ މައްޗަށްކުރި ހޯދާ ލެސްޓަރ ސިޓީ ތާވަލުގެ ދެވަނަށް ޖެހިލައިފިއެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗް ފަސޭހަ ކަމާއެކު ލެސްޓާއިން ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ދެވަނަ މިނެޓްގައި ލެސްޓާއަށް ލީޑު ނަގައިދިނީ ވާޑީ ދިން ބޯޅައަކުން ހާވީ ބާންސް އެވެ. އެޓީމުގެ ދެވަނަ ލަނޑު 21 ވަނަ މިނިޓުގައި ލީޑް ކާމިޔާބުކޮށްދިނީ ޔޫރީ ޓައިލެމަންސް އެވެ.
މެޗުގެ ދެވަނަހާފް ފަށައިގެން ތިންވަނަ މިނެޓްތެރޭގައި ލީޑްސްގެ ޑިފެންޑަރ ސުޓުވާޓް ޑަލްލާސް ވަނީ ލަނޑެއްޖަހާފައެވެ. ލެސްޓާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޖިމީ ވާޑީއެވެ. ލެސްޓާގެ ހަތަރުވަނަ ލަނޑަކީ މެޗުގެ އިތުރުވަގުތު ތެރޭގައި ލިބުނު ޕެނެލްޓީއަކުން ޓައިލެމަންސް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާއާއެކު 15 ޕޮއިންޓާއެކު ލެސްޓާ ވަނީ ތާވަލުގެ 2 ވަނައަށް ޖެހިލާފައެވެ. 1 ވަނައިގަ 16 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ.
ލީގުގައި ރޭ ފުލަމް ވަނީ އެޓީމުގެ ކުޅުނު މެޗު ކާމިޔާބުކޮށް ފުރަތަމަ މޮޅު ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅެ ފުލަމް މޮޅުވީ ވެސްޓްބްރޮމްއާ ވާދަކޮށް 2-0 ލަނޑުންނެވެ.