ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޗައިނާގައި އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެއްޖެ: ޗައިނާ ސަފީރު

ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޗައިނާގައި އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޗައިނާގެ ސަފީރު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ތަފާތު ފެންނަ ވަރުގެ ބޮޑު ފައިދާއެއް ދިވެހިންނަށްކުރާނެ ކަމަށެވެ. ސަފީރު ކޮންގް ޝިންހުއާ ވިދާޅުވީ ޗައިނާއަކީ މަހާއި ކަނޑުގެ އެކި ބާވަތްތަކުން އުފައްދާ ކާނާ އެންމެ ގިނައިން އެތެރެކުރާ އެއް ޤައުމު ކަމުން ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަހުގެ އުފެއްދުންތައް އެކްޕޯޓްކުރާ ޤައުމަކަށްވާއިރު، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރޭއްޖޭގެ މަހަށް ޗައިނާގައި ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހި އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރަން ފެށުމުން މާކެޓުގައި އެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ،  ކުރިއަށް އޮތްތަނުގައި ޗައިނާގެ މާކެޓުން ވަރަށް ބޮޑު ފައިދާއެއް ދިވެހިންނަށް ކުރާނެކަމަށެވެ.

"މިހާރު އެބަ ފެނިގެންދޭ ބްރޭންޑެއްގެ ގޮތުގައި ދިވެހި އުފެއްދުންތައް ޗައިނާގެ މާކެޓުގައި. ދިވެހިންނާއި ޗައިނާގެ މީހުންނާއެކު ވިޔަފާރީގެ ގުޅުންތައްވެސް މިހާރު ދަނީ އެކުލަވާލަމުން. ތަފާތު ފެންނަ ވަރުގެ ބޮޑު ފައިދާއެއް ދިވެހިންނަށްކުރާނެ ޙަޤީޤަތުގައި." ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ ދިވެހި އުފެއްދުންތައް ޗައިނާގައި އިސްތިހާރުކުރުމަށް އިޤުތިޞާދީ ވުޒާރާއާއެކު ވާރަށް ގާތުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ އަސަރު ކުރިއަށް އޮތް 1 ނުވަަތަ 2 އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ސަފީރު ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުވުމުގެ ކުރިން ދިވެހި އުފެއްދުންތައް ޗައިނާ މާކެޓުން ނުފެންނަކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް ދަނީ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރަމުންނެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *