ދޮންފަނުގެ ބިން ހިއްކުން ސުވާލުމާކެއްގެ ތެރެއަށް!

ރައީސުލްޖުމުހޫރިއްޔާ ބ.ދޮންފަނަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދުނު އެއްކަމަކީ އެރަށުގެ ބިން ހިއްކާ ދިނުމެވެ. ރައްޔިތުންގެ ފަރާތުން އެތައް ކަމެއް ރައީސަށް ހުށަހެޅިއިރު ބިން ހިއްކާ ރަށް ބޮޑުކުރުމަކީ އެރަށުގެ ކައުންސިލުން އެންމެ އިސްކަން ދޭ އެއްކަމެވެ.

ބިމުގެ ޖާގަ ނެތުމުގެ ސަބަބުން އެރަށުން ގޯތި ދޫނުކުރާތާވެސް އެތައް އަހަރެއް ވެއްޖެކަމަށް ކައުންސިލުން ރައީސަށް ދެންނެވިއެވެ. އަތޮޅުތަކަށް ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ދަތރުފުޅުތަކުގެ ބޭނުންފުޅަކީ ރައްޔިތުންގެ އަރިހަށް ވަޑައިގެން ރައްޔިތުންގެ އަޑު އެއްސެވުމެވެ. ރައްޔިތުންގެ ޕްލޭނާއި ރައްޔިތުން އެދޭ ގޮތަށް ރަށްތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމެވެ.

ކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމުން ދޮންފަނު ރައްޔިތުންގެ ހިތްތައް އުފަލުން ފޮޅުނެވެ. އެއީ އެރަށުގެ ބިން ހިއްކާ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީމަވެ. އަދި މަޝްރޫޢު ހިންގާނެ ކޮންޓްރެކްޓަރާއި އެކު މިބައްދަލުވުމުގައި ސޮއިކުރެވުނެވެ.

ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅަުވީ މި ސޮއިކުރެވުނު މަޝްރޫޢު ފެށިގެންގޮސް، އިރާދަކުރެއްވިއްޔާ، މި އަހަރު ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ހިނގާނެ ކަމަށެވެ. ވާހަކަފުޅުގައި ރައީސް ވިދާޅުވީ؛ "މަޝްރޫޢު ފެށިގެންގޮސް ނިމިގެންދިޔައީމަ، ތިޔަބޭފުޅުންނަށް، މި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ، މި މައްސަލައާއެކީގައި ދިމާވެފައިވާ ގިނަ ކަންކަމާއެކީގައި، ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ޙައްލު އަންނާނެ. ބިމުގެ ޖާގަ ވަރަށްދަތި. އެހެންވީމާ، މި މަޝްރޫޢާ އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކެނީ. 13 ހެކްޓަރުގެ ބިން އިތުރުވެގެންދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ޙައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ޙައްލު އެ ގެނެވުނީ. އެއާއެކީގައި ދެން، މޫދަށް އެރޭ ސަރަޙައްދުވެސް ހެދި، އަދި އޭގެއިތުރަށް، މި ބަނދަރުގެ މިއޮތް މައްސަލައަށްވެސް ޙައްލު އެ އަންނަނީ. އިރާދަކުރެއްވިއްޔާ ސަރުކާރުން މި ތިން މަޝްރޫޢު އެކުއެކީގައި، އެއް މަޝްރޫޢެއް ގޮތުގައި، ދެންމެ މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާނަން. ގެންގޮސް އިރާދަކުރެއްވިއްޔާ ފުރިހަމަކޮށްދޭނަން. އެކަމުގެ ޔަޤީންކަން އަރުވަން" މިފަދައިންނެވެ.

ދޮންފަނުން ރައްޔިތުން ބިން ހިއްކަން ބޭނުންވިޔަސް މިކަމާ އިދިކޮޅު ހަދާ މީހުން ގިނަވެއްޖެއެވެ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ އެރަށާއި ޖެހިގެން އޮންނަ "ހަނިފަރުބޭ" ހަލާކުވާނެ ކަމަށް ބުނެ ދޮންފަނާއި ދެކޮޅަށް މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއިން ތެދުވެއްޖެއެވެ. ދޮންފަނުގެ ބިން ހިއްކުން މިހާރު އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *