ޕޯސްޓް އޮފީހަށް 119: އެތައްބައެއްގެ ކުރިއެރުމުގެ އަސްލަކަށް ޕޯސްޓްގެ ޙިދުމަތް ވަނީ ވެފަ!

ޕޯސްޓް އޮފީހަށް 119 އަހަރު ވީއިރު ޕޯސްޓް މެދުވެރިކޮށް ކުދިކުދި ސާމާނު ގެނެސްގެން ފެށި ކުދިކުދި ވިޔަފާރިތައް ވަނީ އެތައްބައެއްގެ ކުރިއެރުމުގެ އަސްލަކަށްވެ ޕޯސްޓް ގެ ޙިދުމަތަކީ އެފަރާތްތަކުގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކަށްވެފައެެވެ.

ރަސްމީކޮށް ދިވެހިރާއްޖޭގައި ޕޯސްޓް ޚިދުމަތް ދޭން ފެށިތާ 119 އަހަރު މިއަދު ފާހަގަކުރާއިރު، ޕޯސްޓްގެ ޚިދުމަތަކީ އޭގެ ކުރިންވެސް ދެމުންގޮސްފައިވާ ޚިދުމަތެއްކަން ފާހަގަކޮށްލެވެއެވެ.

9 ސެޕްޓެމްބަރ 1906 ވަނަ އަހަރު ޕޯސްޓްގެ ޚިދުމަތް ފެށިގެންއައިއިރު ފުރަތަމަ ބޭނުންކޮށްފައިވަނީ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެންނެވެ. އަދި އަމިއްލަ ސްޓެމްޕެއް ތައްޔާރުކޮށް ބޭނުންކުރަން ފަށާފައިވަނީ 1909 ވަނަ އަހަރުއެވެ. މި ސްޓޭމްޕަކީ ހުކުރު މިސްކިތު މުންނާރާއި އަރަބި އިބާރާތެއް ހިމަނައިގެން ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ. މި ސްޓޭމްޕަކީ ތާރީހާއި ޘަގާފަތް ރަމްޒުކޮށްދޭ ފިލަޓެލިކް އުފެއްދުއްތަށް ފެށުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ދިވެހިރާއްޖެއަކީ1967 ވަނަ އަހަރުން ފެށިގެން ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ މެމްބަރު ޤައުމެކެވެ. މޯލްޑިވްސް ޕޯސްޓް ވެގެންގޮސްފައިވަނީ ބައިނަލްއަޤުވާމީ ޕޯސްޓަލް ސިސްޓަމްގައި ޚިދުމަތްދޭ ދިވެހިރާއްޖޭގެ ޑެސިގްނޭޓެޑް އޮޕަރޭޓަރުގެ އިތުރުން އީ.އެމް.އެސް ކޯޕަރޭޓިވް މެމްބަރަށެވެ. އީ.އެމް.އެސް. ނުވަތަ އެކްސްޕްރެސް މެއިލް ސަރވިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި އެހެނިހެން ފަރާތްތަކުންވެސް ލިޔެކިޔުމާއި ތަކެތި ފޮނުވުމަށާއި ލިބިގަތުމަށް ފޯރުކޮށްދޭ ފެންވަރު ރަނގަޅު، އިތުބާރު ހޯދާފައިވާ ޙާއްސަ އަވަސް ޚިދުމަތެކެވެ.

ސަރުކާރުގެ %100 ހިއްސާވާ ކުންފުންނެއްގެ ގޮތުގައި 1994 ވަނަ އަހަރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އުފެދިގެން ގޮސްފައިވާއިރު، ކުދި ވިޔަފާރިތައް ރާއްޖެއާއި ރާއްޖެއިންބޭރުގެ މާކެޓްތަކާގުޅުވައިދީ، ބާރުވެރިކުރުމުގައި ޕޯސްޓުން އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. އެގޮތުން އީޓުކުރި ލޯކަލް ޕްލެޓްފޯމަކީ ވިޔަފާރި ކުރައްވާފަރާތްތަކާއި ރާއްޖެއާއި ދުނިޔޭގެ މާކެޓްތަކާއި ގުޅުވާލާދީފައިވާ ޕްލެޓްފޯމެކެވެ. މީގެ ސަބަބުން ޕޯސްޓް މެދުވެރިކޮށް ގެންނަ ތަކެތި ވިއްކައިގެން ފަށާފައިވާ ކުދިކުދި ވިޔަފާރިތައް މިއަދު ވަނީ މެދުފަންތީގެ އަދި ބޮޑެތި ވިޔަވާފަރިތަކަށް ވެފައެވެ.

މިގޮތުން މި ޕްލެޓްފޯމްގެ ކޮމިއުނިޓީ އޮންލައިން ޝޮޕްތަކަކީ ސީދާ ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ އުފެއްދުންތަކަށް ހާއްސަ ބައެއްކަން ފާހަގަކޮށްލެވެއެވެ. އަދި އީޓުކުރި އިންޓަނޭޝަނަލްއަކީ ރާއްޖެއިންބޭރުން ތަކެތި ބައްލަވާގަންނަވާ ފަރާތްތަކަށް އެތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ވަރަށް ފުރިހަމަ ހައްލެއް ގެނެސްދީފައިވާ ޕްލެޓްފޯމެކެވެ.

ގަރުނަކަށްވުރެ ދިގު މަޒީގައި ޕޯސްޓްގެ ޚިދުމަތް ފުޅާވެގެން ގޮސްފައިވާއިރު، މި ޚިދުމަތަކީ ޒަމާނީ އަދި އިޖާދީ ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްވެސް، އެއްރަށް އަނެއްރަށާއި އަދި ދުނިޔޭގެ ކަންކޮޅުތަކާ ގުޅުވާލަދީފައިވާ ވިޔަފާރިއާއި އަމިއްލަ ފަރުދުންގެ ބައިވެރިއެކެވެ. ޕޯސްޓްގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ކުރިއެރުމާއި މުވާސަލާތާއި އިޤްތިސާދު ކުރިއެރުވުމުގައި ވަރަށް ފުޅާ ދައުރެއް އަދާކޮށްފައިވާ އަދި އަދާ ކުރަމުންދާ އެއް ހިއްސާދާރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *