އެމްޓީސިސީއަށް ހަވާލުކޮށްފައިވާ ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު ރާއްޖެ ގެނެސްފިއެވެ.
އެމްޓީސީސީން ބުނީ އެ ޝިޕްމަންޓުގައި 50,450 ޓަނުގެ ބޮޑު ހިލަ ގެނެސްފައިވާ ކަމަށާއި އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނައުން ކަމަށް އެމްޓީސީސީން ބުންޏެވެ.
އަދި އެ އަދަދަކީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމުލަ އަދަދު ކަމަށެވެ. އެމްޓީސީސީން ބުނީ އެ ޝިޕްމަންޓްތައް ގެނެސް، އެ ކުންފުންޏާ ހަވާލުކޮށްފައިވާ ގިނަގުނަ މަޝްރޫއުތައް ނިމިގެންދިޔުމާއެކު، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކަކާއެކު އާންމު ދިރިއުޅުމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ އެ ޝިޕްމަންޓުން ގެނެވިފައިވާ ބޮޑު ހިލަ އެންމެ ފުރަތަމަ ފޯރުކޮށްދީފައިވަނީ ބ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ކަމަށެވެ. އޭގެ އިތުރުން، ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫއުތަކުގެ މަސައްކަތްތަކަށް ވެސް މި ބޮޑު ހިލައިގެ ޝިޕްމަންޓުން ހިލަ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
ފ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ މަހުގެ 20 ވަނަ ދުވަހު ފީއައްޔަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ، ޖުމުލަކޮށް މުޅި ރާއްޖޭގައި ވެސް ގިނަ މަޝްރޫއުތަކަކަށް ބޮޑު ހިލައިގެ ޝިޕްމަންޓް ގެންނަން ޖެހި، އެކަމުގެ މަސައްކަތްތައް ކުރަން ޖެހިގެން ލަސްތަކެއްވި ކަމަށާއި ނަމަވެސް އެ މައްސަލަތައް ހައްލުކުރެވި، އެކި ދިމަދިމާއަށް ބޮޑުހިލަ ގެންދިއުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.