ދެ ކޮންޓެއިނަރު ސިނގިރޭޓުގެ ވަގަށްނެގި މައްސަލައިގައި 2 ވިޔަފާރިވެރިންނާއެކު އިތުރު 2 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ ދެ ކޮންޓެއިނަރުގެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 9 ވަނަ ދުވަހު ހުށައެޅުނު މި މައްސަލަޔާއި ގުޅިގެން ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށާއި މި މީހުންގެތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ ސީނިއާ މުވައްޒަފަފެއްވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ކަމަށް މައުލޫމާތުލިބެއެވެ.

އެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓަކީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރި ތަކެއްޗެވެ. އެ ދެ ކޮންޓޭނަރު ހުރީ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައެވެ.

ވަގަށް ނެގި ދެ ކޮންޓެއިނަރު ކަސްޓަމްސް އިން އަތުލައިގަތީ އޭޕްރީލް 26، ގަ އެވެ. ސިނގިރޭޓު ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ގެނައި ދެ ކޮންޓެއިނަރެއްގެ ތެރޭގަ އެވެ. އެއާޕޯޓުގެ މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ. ކޮންޓެއިނަރުތައް އެތެރެ ކުރީ ވެސް އެ ކުންފުނީގެ ނަން މަތީގަ އެވެ. މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްކަމެއް ތަހުޤީޤީ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *