ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވެިފައިވާ މަސްތުވާތަކެތި ދައްކާލަނީ
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވެިފައިވާ މަސްތުވާތަކެތި ދައްކާލަނީ

ރަޖިސްޓްރީ ފީއަށްވާ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، 72 ކިލޯގެ ޑްރަގު މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

މައްސަލަ ރަޖިސްޓްރީ ކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރާ، މަރްޔަމް ހޫރުޝިދާ ސޮއިކޮށް މިއަދު އެކޯޓުން ބޭރުކޮށްލި މައްސަލައަކީ، "މަސްޖަރީ-2″ ނަމަކަށް ކިޔާ މަސްދޯންޏަކުން 2020 ވަނަ އަހަރު ޑިސެމްބަރު މަހު ރާއްޖެ އެތެރެކުރި 72 ކިލޯ ޑްރަގް މައްސަލައިގައި ދައުވާ ކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅި މައްސަލައެކެވެ. ހައިކޯޓުން ބުނީ މި މައްސަލައިގެ ރަޖިސްޓްރީ ފީ ދައްކަން، އެކޯޓުން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައި ނުވާކަމަށެވެ.

މިއީ މި މައްސަލައިގައި އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު، ސ. ހުޅުދޫ ދޭލިއާގެއަށް ރައްދުވާ ގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ އިސްތިއުނާފު މައްސަލައެވެ.

ފީ ނުދައްކައިގެން ހައިކޯޓުން މި މައްސަލަ ބޭރުކޮށްކޮށްލުމާ ގުޅިގެން ޕީޖީ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޖީން ބުނީ ފީ ދެއްކުމަށް އަންގަން ހައިކޯޓުން ކުރި މެއިލް އެ އޮފީހަށް ލިބިފައި ނުވާކަމަށެވެ. އެހެންކަމުން މި ނިންމުން މުރާޖަޢާކުރުމަށް ޕީޖީން ހުށަހަޅާނެކަމަށާއި އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރައްވަންޖެހޭ ނިންމުމެއްކަމަށް ޖީޕީ އޮފީހުން ދެކޭ ކަމަށެވެ.

"ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާގޮތަށް މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީކަމަށް ބުނެ ރަޖިސްޓްރަރގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވެއެވެ. އެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރު 2025 ގައި މި އޮފީހަށް މެއިލްކުރިކަމަށް ބަޔާންކޮށްފައިވީނަމަވެސް، އީމެއިލް މި އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައިނުވެއެވެ.
އެފަދަ ލިޔުންތައް މިއޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވެއެވެ." ޕީޖީ އޮފީހުން ބުންޏެވެ.

މީގެކުރިންވެސް މަސްތުވާތެކެތީގެ ބޮޑެތި މައްސަލަ ތަކެއް ކޯޓުން ވަނީ ބޭރުކޮށްފައެވެ. މީގެތެރެއިން ގިނަ މައްސަލަތައް ބޭރުކޮށްފައިވަނީ ތަހުޤީޤު މަރުހަލާގައި ފުލުހުން ހަދާފައިވާ ގޯސްތަކުގެ ސަބަބުންނެވެ. ނުވަތަ އިޖުރާއީ މައްސަލަތަކުގެ ސަބަބުންނެވެ. 2019 ވަނަ ރާއްޖެއަށް އެތެރެކުރި 150 ކިލޯގެ މަސްތުވާތެކެތީގެ މައްސަލަވެސް ކޯޓުން ބޭރުކޮށް، އެ މައްސަލައި ހިމެނޭ މީހުން މިނިވަންވީ މައްސަލަ ހުށައަޅަން ޤާނޫނުގައި ބުނާ މުއްދަތަށްވުރެ 1 ދުވަސް ފަހުން އެމައްސަލަ ކޯޓަށް ވެއްދުމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *