ރީކޯ މޫސަގެ ހެވީލޯޑް ކުންފުނީގެ ނަމުގައި އޮތް 3 ރަށެއް ވިއްކަން ސިވިލްކޯޓުން ބީއެއމްއެލް އަށް ދިން ހުއްދަ ހައިކޯޓުން ބާތިލު ކޮށްފި
ހެވީލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ. އެ ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ.
އެ ހުއްދައާ އެއްގޮތަށް ބީއެމްއެލްއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެ ތިން ރަށް ވިއްކާލަން އިއުލާންކޮށްފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދަ ބާތިލްކުރަން ހެވީލޯޑް ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ރަށްތައް ވިއްކާލުން މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރެއް ވެސް އޮތީ ނެރެފަ އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރަށްތައް ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން އެ ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ވިއްކާލުމުގެ ހުއްދަ ދިނުމުގައި އަގު ކަނޑައަޅާފައިވަނީ ހަމައެކަނި ބީއެމްއެލް އިން ހުށަހެޅި އަގަށް ބަލައިގެން ކަމަށްވާތީ އެވެ.