Ad

އެމެރިކާގެ އައު ރައީސް ޖޯ ބައިޑަންއަށް ރައީސް ޞާލިޙު މަރުޚަބާ ދަންނަވައިފި

އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޖޯ ބައިޑަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޚަބާ ދަންނަވައިފިއެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ، ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަކުރައްވާ އިލެކްޓޯރަލް ވޯޓުން 270 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެގޮތުން ޓްރަމްޕަށް 213 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިގެންނެވިއިރު، ބައިޑަންއަށް 273 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާވަނީ ޓްވީޓެއް ކުރައްވާފައެވެ. މިޓުވީޓުގައި ބައިޑަންގެ ޒަޢާމަތުގައި ދެޤައުމު ގުޅިގެން އެކުގައި މަަސއްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. އެގޮތުން ދެޤައުމުގެ މަސްލަހަތު ފުށުއަރާ ކަންތައްތަކުގައްޔާއި، ކޮވިޑުގެ ކަންތައްތަކުގެ އިތުރުން މޫސުމީ މައްސަލަތަކުން އަރައިގަތުމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

ޖޯ ބައިޑަން އެމެރިކާގެ 46 ވަނަ ރައީސަކަށް އިންތިޚާބުވެ ވަޑައިގަތުމާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން ދަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެެއް ވިދާޅުވަމުންނެވެ.

އުމުރުފުޅުން 77 އަހަރުގެ ބައިޑަންއަކީ، ސިޔާސީ ގޮތުން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެއްގެ އިތުރުން އެޤައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބުރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ.

އެމެރިކާގެ އައު ރައީސް ޖޯ ބައިޑަންއާއި، އެޤައުމުގެ ފުރަތަމަ އަންހެން ނައިބުރައީސް ކަމަލާ ހެރިސް ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *