އާރު އެސް ޑަބްލިޔު ސްކީމްގެ 3 ވަނަ ފިޔަވަހި ހުޅުވާލައިފި، 200 ދޯންޏަށް ފުރުޞަތު!

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް އަމާޒުކޮށް އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ 3 ވަނަ ފިޔަވަހި ހުޅުވާލައިފިއެވެ. 

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލް.އެލް.އެފް) އަދި  އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)، ގުޅިގެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކޮށްފައިވާ އާރު.އެސް.ޑަބްލިޔު ފައިނޭންސިންގސްކީމްގެ ތިންވަނަ ފިޔަވައްސަށް، 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން މިހާރު ވަނީ އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާފައެވެ.

އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ މި ފައިނޭންންސިންގ އަމާޒުކުރެވިފައިވަނީ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) އާއި، ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓް ލުއި ފަސޭހެ ގޮތެއްގައި ފައިނޭންސްކޮށްދިނުމަށެވެ.

މިއީ ޕްރޮޖެކްޓް ފައިނޭންސިންގގެ ގޮތުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގ އާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ދޭ ހިލޭ އެހީ ހިމެނޭހެން ފަރުމާކުރެވިފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން ފައިނޭންންސިންގ ލިބި އާރްއެސްޑަބްލިއު ސިސްޓަމްއިންސްޓޯލް ކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި އަނބުރާ ދައްކަންޖެހޭ އަދަދުން މި އަދަދު އުނިކުރެވޭނެއެވެ. މިއީ މިހާރު މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމްކުރެވޭ ވަސީލަތްތައް ޒަމާނީކުރުމަށް ލިބިގެންވާ ރަނގަޅު ފުރުސަތެކެވެ.

ފައިނޭންންސިން މައުލޫމާތު

2,000,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ
ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް
ފެސިލިޓީ ދެއްކުމަށް ގިނަވަގެން 10 އަހަރު
ފާއިދާ ހިސާބުކުރާނީ އަހަރަކަށް %6 ރޭޓްގައި ގައި
ރަހުނެއް ބޭނުމެއް ނުވޭ
އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭ

މިސްކީމްގެ ތިންވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުމަށް މިކުންފުނީގެ ވެބްސައިޓް www.smedigital.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށް މިހާރުވަނީ ހުޅުވާލާފައިއެވެ.

މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ:                      

"މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ހުޅުވާލާފައިވާ މިސްކީމުގެ ތެރެއިން، ލޮނުފެނުން މަސްފިނިކުރާ ނިޒާމު ދޯނިފަހަރުގައި ދަނީ ގާއިމު ކުރެވެމުން. ގިނަ އޮޑިދޯނިފަހަރުގައި މި ނިޒާމު ޤާއިމުކުރެވެމުންދާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެއް އަދި މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރަން. މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދެވި، އައިސް ހޯދުމަށް ހިނގަމުންދިޔަ ހަރަދު ކުޑަކުރެވިގެންދާނެ. އަދި ތިންވަނަ ފިޔަވަހި ހުޅުވާލުމާއެކު، އިތުރު މަސްވެރިންނާއި އޮޑިވެރިންނަށް މި ލުއިފަސޭހަ ފުރުސަތުގެ ބޭނުން ހިފުމަށް މަގު ތަނަވަސްވެގެންދާނެ"

           

އެލްއެލްއެފްއާއި އައިއެސްޑީބީ ގެ އެހީތެރިކަމާއެކު ހިންގޭ މިޕްރޮޖްކްޓްގެ ދަށުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން އުފެއްދޭ ކަރަންޓު ބޭނުންކުރުން އިތުރުކޮށް، މަސްވެރިކަން ކުރުމުގެ ތެރެއިން ޖައްވަށް ދޫކުރެވޭ  ކާބަންގެ މިންވަރު މަދުކުރުމަށް އިސްކަންދެވިފައިވެއެވެ. މިސްކީމްގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާއަތަކީ އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި ދެމެހެއްޓެނި ގޮތުގައި ކުރެވޭނޭ މަސައްކަތެއް ކަމުގައި ހެދޭނެ އެވެ.  

ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ މައުލޫމާތު

މި ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު އަދި ދެވެނަ ފިޔަވައްސަށް 2025 އަހަރު ހުޅުވާލައި، މިހާތަނަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގއެޕްރޫވްކޮށް، މިހާރުވެސް ދަނީ ފައިސާ ދޫކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *