އައްޑޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން ނިންމައިފި

އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން ނިންމައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާނީ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ނިންމުމުން އެކަމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގެން، ގޫގުލްގެ އިސް ވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު، ގޫގުލްއިން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ނިންމުމުގެ ސަބަބުން، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާ ކުރުމަށް މަގުފަހިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގޫގުލްއިން މިކަން އިއުލާން ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ނިންމުމަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ އިންވެސްޓަރުންނަށް ފަހި މާހައުލާއި ދެފުށް ފެންނަ ނިޒާމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އޮތް ކަމުގެ ސިގްނަލެއް ކަމަށެވެ. ގޫގުލްއިންް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަކީ އެންމެންގެ ބައިވެރިވުންއޮތް، ޑިޖިޓަލްގޮތުން ބާރުވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދަކަށް ހަދައި، ސަރަހައްދީ ޑިޖިޓަލް ހަބަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެ މަޝްރޫއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ މި ފެސިލިޓީއާއެކު، އިންޑިއާ ކަނޑުގެ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމުވުމަށް ފުރުސަތު ލިބޭ ކަމަށެވެ. މާލޭގެ އިތުރުން، ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި ހިތަދޫގައި ގާއިމުކުރާ އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓުތަކާއެކު، ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *