Ad

ކޮވިޑް ބައްޔަށް ފަރުވާ ދިނުމުގައި އަވަދިނެތި އުޅުއްވާ ޑޮކްޓަރެއްގެ ޚާއްޞަ އިންޓަރވިއު. "ކެތްތެރިކަން! ކެތްތެރިކަން! ކެތްތެރިކަން"!

ބައެއް މީހުން ބޭނުންވާ ކަންކަން ކޮށްނުދެވުމުން، ބިރުދައްކާ އިންޒާރުދީ ހަދާ!

ރަޝިޔާއިން މެޑިކަލް ދާއިރާއިން ތަޢުލީމު ހާސިލުކޮށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހުމާނު މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑް ބައްޔަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ޤާއިމްކުރި ހޮސްޕިޓަލް ނުވަތަ ހުޅުމާލެ ކޮވިޑް ވިލޭޖްގައެވެ. 200 މީހުންގެ ޖާގައިގެ މި ސެންޓަރުގައި އޭނާއަށް ކޮންމެ ދުވަހަކީ ވެސް ތަފާތު ތަޖުރިބާތަކެއް، ފިލާވަޅުތަކެއް، ހުނަރުތަކެއް ދުވަހެކެވެ. ކޮވިޑުގެ މީހުންނަށް ފަރުވާ ދިނުމުގައި އާއިލާއާ ދުރުގައި ވަކި ތަނެއްގައި އުޅެން ޖެހުމުން އެންމެ ބޮޑަށް ދަސްވި ކަމަކީ ކެތްތެރި ކަމެވެ، ކެތްތެރިކަމެވެ، ކެތްތެރިކަމެވެ. އަދި އެންމެ ދެރަވަނީ ބައެއް ބަލި މީހުން، ކަނޑައެޅިފައި އޮންނަ އުސޫލުގެ ބޭރުން ބޭނުންވާ ކަންކަން ނުކޮށްދެވުމުން، އިންޒާރުދީ ބިރުދައްކާތީއެވެ. އެކަމަކު ވެސް އޭނާ އެ ހުރީ ސާބިތުވެ ޤައުމީ ޚިދުމަތުގައެވެ. އަހަރެމެން އެންމެންގެ ޝުކުރާއި ތައުރީފު ޝިރާނީއަށް އެބައޮތެވެ. ތިރީގައި ހިމަނާލައި އެވަނީ ޑރ. ޝިރާނީ އިރުވަރު ނޫހަށް ދިން ޚާއްސަ އިންޓަވިއުއެކެވެ. މި އިންޓަވިއު އަކީ އިބުރަތުން ފުރިގެންވާ ވާހަކަތަކެކެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.

 

އިރުވަރު: ކޮވިޑްގެ މި ދުވަސްވަރު ފްރަންޓް ލައިންގައި ހަރަކާތްތެރިވާން ޖެހުމުން ކޮންކަހަލަ އިހުސާސެއްތޯ ކުރެވެނީ؟

ޑރ. ޝިރާނީ: އެކި މީހުންނަށް ގައުމަށް އަދި އިންސާނިއްޔަތަށް ޚިދުމަތްކުރެވޭނީ އެކި ގޮތަށް. ދެން ވަރަށް އުފާވޭ އަޅުގަނޑުމެންގެ ލައިފުގަ ދިމާވި އެންމެ ބޮޑު ކަންތަކުގެ މެދުގައި ގައުމަށް ޚިދުމަތްކުރެވޭތީ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަވީ ކޮންކަހަލަ ކަންތައްތަކެއްތޯ؟

"ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވި ދަސްވެއްޖެ. އެގޮތުންވެސް އެންމެ ފާހަގަ ކުރެވޭ ކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ނިއުމަތްތަކަށް އަޅުގަނޑުމެންނަށް އަސްލު ޝުކުރުވެރި ނުވެވޭ ނިންވަރު. ބަލިވެގެން މިގޮތަށް ތަނަކަށް ލީމަ އެއަށް ފުރަސްޓްރޭޝަންއާ ދިވެހިންގެ ބިހޭވިއަ ގިނަ މީހުންގެ ހުންނަ ގޮތް ފާހަގަވި. ރަނގަޅު ކަންތަކާ ވަރަށް ދެކެން ބޭނުން ނުވާ ކަންތައްވެސް ފާހަގަ ކުރެވިއްޖެ".

މިހާރުވެސް ތިހުރީ ނުރައްކަލުގައި، ގައުމީ ޚިދުމަތުގައި، ކިހިނެއްތޯ އެ ސްޓްރެސް މެނޭޖްކުރަނީ؟

"ލިބޭ ހުސް ވަގުތުކޮޅުގަ ފެމިލީއާ ވާހަކަ ދައްކާލާ، ކުދިކުދި ކަންތައްތައްކޮށްލާ. ފިލްމެއް ބަލާލާ. އެކަމަކު ހުރެވުނުތަނާ މަސްއޫލިއްޔަތުގެ ގޮތުން އެއްކޮށް މަސައްކަތްތަކާ ދުރުގަ ހުރެވޭ ވަގުތެއް ވަރަށް މަދު".

ކޮވިޑުގެ ބަލި މީހުންނާ މެދު މިހާރު އަމަލުކުރެވޭ ގޮތާ މެދު ހިތްހަމަ ޖެހޭތޯ؟

"އައިސޮލޭޓްކޮށްގެން ފަރުވާ ދޭން ޖެހޭއިރު، ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރަނގަޅު ކުރެވޭނެ ކަންތައްތަކެއް ހުންނާނެ އަބަދުވެސް. އެކަމަކު ލިމިޓެޑް ރިސޯސަސް އާ މީހުންނާއެކީ ރެޑް ޓޭޕް ތަކުގެ ތެރެއިން ދެވޭނެ އެންމެ ރަނގަޅަށް ފަރުވާގެ ކަންތައްތައް ދެވޭ".

ފްރޮންޓްލައިން ޑޮކްޓަރެއްގެ ގޮތުގައި ކުރަން ޖެހެނީ ކޮން ކަހަލަ މަސައްކަތްތަކެއް؟

"މިތާނގެ ކޮންމެ ބަލި މީހަކީވެސް މެޑިކަލް އެސިސްޓެންސް ބޭނުންވާ ފަރާތެއް. ދާއިމީ ބައްޔެއް ހުންނަ މީހެއް ނަމަ ކޮންމެ ދުވަހަކު އޭނާގެ ހާލަތު ބަލާ ދިމާވާ އެކި ކަންކަމަށް ހައްލު ހޯދަން ޖެހޭނެ މައިގަނޑު ގޮތެއްގަ. މިތާ ހަމައެކަނި މިކުރަނީ ޑޮކްޓަރެއްގެ މަސައްކަތް އެކަންޏެއް ނޫން. ބަލި މީހުން ބެލުމުގެ އިތުރުން މެނޭޖްމަންޓްގެ ކަންތައްތަކާ ޓީމް ލީޑު ކުރުމާ މިކަހަލަ އެތައް ކަމެއް އެބަކުރަންޖެހޭ. މިކޮޅުގައި ހަތަރުމަހަށް ވުރެ ގިނަ ދުވަހު ޓީމެއް ލީޑުކޮށް ބެލެހެއްޓުމަކީ ޕްރޮފެޝަނަލް ލައިފިގަ ވަރަށް ބޮޑު ތަޖުރިބާއެއް. އަދި އިންސާނެއްގެ ގޮތުން ވަރަށް ގިނަ ތަޖުރިބާތައް ކުރެވި ދަސްވެއްޖެ މި މަސައްކަތްތަކުން".

މިކަމުން ލިބުނު އެންމެ ބޮޑު ތަޖުރިބާއަކީ ކޮބާ؟

"އެންމެ ބޮޑު ތަޖުރިބާއަކީ ކެތްތެރިކަން. ކެތްތެރިކަން. ކުރުކޮށް ފޮނިކޮށް ބުންނަންޏާ ހަމަ ކެތްތެރިކަން".

އާއިލާއާ ދުރުގައި ތިހެން ހުންނަން ޖެހޭތީ ކޮންކަހަލަ އިހުސާސެއްތޯ ކުރެވެނީ؟

"ވަރަށް ދެރަވޭ. އެންމެ ދެރަވަނީ އެމީހުން އަޅުގަނޑާ ނުލާ އުޅެން ދަސްކޮށްފިޔޭ ހީވީމަ. ދެން ގޭގަ ހަދާ ކާއެއްޗެހި ނުލިބޭތީ ބަރަށް މިސްވޭ. ހެހެހެ".

ޑޮކްޓަރެއްގެ ހައިސިއްޔަތުން ބަލިމީހުންނަށް ވެދޭ އެހީތެރިކަން ގަބޫލުކުރޭތޯ؟

"ގަބޫލުކުރާ ޕޭޝަންޓާއި ގަބޫލުނުކުރާ ޕޭޝަންޓުން ދިމާވާނީ. ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 1100 އަށްވުރެ ގިނަ ކޮވިޑްގެ ބަލި މީހުންނަށް އެޓެންޑް ކޮށްފިން. އޭގެ ތެރެއިން 900 އަށްވުރެ ގިނަ މީހުންނަކީ ބަލި މީހުން. ގިނަ މީހުން އަޅުގަނޑުމެންގެ ޚިދުމަތް ބަލާގަނޭ ކަންނޭނގެ".

މިކަމުގައި ދިމާވި އެންމެ ހިތްދަތި ތަޖުރިބާއަކީ ކޮބާ؟

"އެންމެ ހިތްދަތި ތަޖުރިބާއަކީ ބަލި މީހަކު ސޭވް ނުކުރެވިގެންދާ ދިއުން. އަދި ޕްރޮޓޮކޯލާ ޚިލާފަށް ބަލި މީހުން ބޭނުންވާ ބައެއް ކަންކަން ނުކޮށް ދެވުނީމަ ޓްރެޓްކޮށް (ބިރުދައްކާ، އިންޒާރުދީ) އެއްޗެހި ބުނެލާ ގޮތުން ވަރަށް ހިތްދަތިވޭ".

އެންމެ އުފާވީ، ހިތްހަމަ ޖެހުނީ ކޮންކަމަކާ ތި މަސައްކަތުގެ ތެރެއިން؟

"ލިމިޓެޑް ރިސޯސަސްއާއެކު ވެސް މި ފާއިތުވެދިޔަ 8 މަސް ދުވަހު އަޅުގަނޑުގެ 100 ޕަސެންޓް މަސައްކަތަށް ދެވުނުކަން. ދެން 14-21 ދުވަސް ފަހުން މާމަމެން ކާފަމެން (އުމުރުން ދުވަސްވީ މީހުން) ރަނގަޅުވެގެން ނުކުމެގެންދާ މަންޒަރު އެއީ އަގު ނުކުރެވޭ ވަރުގެ ހިތްހަމަ ޖެހުމެއް".

ހުސްވަގުތުގައި ކޮންކަމެއް ކުރަނީ؟

"ދިރިއުޅެނީވެސް މިތާނގައި ކަމުން، ގިނަ ވަގުތު މަސައްކަތުގައި އުޅެނީ. އެކަމަކު ލަވައެއް ޖަހާލާ ފިލްމެއް ބަލާލާ ހެދިފަ ހުންނާނެ".

މިހާރު މަސައްކަތްކުރާ މާހަލުގެ ހާލަތު އަޅެ ބުނެލަދީބަލަ؟

"މީ 200 އެނދުގެ ހޮސްޕޮޓަލެއް. ދަތިތަކެއް ހުރިތަނެއް. އިންފްރާސްޓްރަކްޗަގެ ގޮތުންވެސް. 14-21 ދުވަހު ތިބެން އެހާ އައިޑިއަލް ތަނަކަށްވެސް ނުވެ ހިނގައިދާނެ. އެކަމަކު މިތާ ސާފުކުރާ މީހުންނާ ހަމައިން މެނޭޖްމަންޓާ ހަމައަށް ވެސް ވަރަށް ގުޅިގެން، އެންމެ ރަނގަޅު ފަރުވާއެއްދީ، ބަލިމީހުންނަށް ލުއި ފަސޭހަކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭ ތަނެއް މިއީ. ވަރަށް އުފާވޭ އެކަމާ އަސްލު".

ކިތައް ސައިޓުގަ މިހާރު މަސައްކަތްކޮށްފިން؟

"ކޮވިޑް ފެށުނުއިރު އަޅުގަނޑު އުޅުނީ ދަރުބާރު ގޭގަ. ދެން މޭ ފުރަތަމަ ހަފުތާއިން ޖުލައި ފުރަތަމަ ހަފުތާއަށް އުޅުނީ ބަނޑޮސް އެއިސޮލޭޝަންގަ. ޖުލައި ފުރަތަމަ ހަފުތާއިން ފެށިގެން މިތާ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ (ކޮވިޑް ވިލޭޖްގަ)".

ކޮވިޑު ބައްޔާ މެދު ދެކެނީ ކޮން ގޮތަކަށް؟

"މިއީ ޖޯކެއް ނޫން. މުޅި ދުނިޔެ ހުއްޓުވާލާފައި އޮންނަތާ އަހަރެއްވީ. ވިސްނައިގެން ނުތިބެއްޖެނަމަ، ފަރުދީ ޒިންމާ އަދާ ނުކުރެވިއްޖެނަމަ، އެތައް ފުރާނައެއް ގެއްލިގެންދާނެ. އެކަމަކު ވިސްނައިފިނަމަ މިއީ ރައްކާތެރި ވެވިދާނެ ބައްޔެއްކަން ތަޖުރިބާއިން އެނގިއްޖެ".

މި ބަލިން ރާއްޖެއަށް އަރައިގެނެވޭނެ ގޮތަކީ ކޮބާ ޑޮކްޓަރުގެ ނަޒަރުގަ؟

"ގައިދުރުކަން ބަހައްޓައިގެން. ސާފުތާހިރުކަމަށް ސަމާލުކަން ދީގެން. ގައިޑްލައިންތައް ފޮލޯ ކޮށްގެން. ޚާއްޞަކޮށް މި ބައްޔާއެކު އުޅެން ދަސްކޮށްގެން".

މިހާރު ސަރުކާރުން ކުރާ މަސައްކަތްތަކާމެދު ހިތްހަމަ ޖެހޭތޯ؟

"އެބޭފުޅުން ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރައްވާ. އެކަމަކު އަބަދުވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ މިކަހަލަ ހާލަތްތަކުގަ".

އިތުރުކޮށްލަން ބޭނުންވާ ވާހަކައެއް އެބައޮތްތޯ؟

"މިކަމުގައި މި ހޭދަކުރެވުނު 8 މަސް ދުވަހު އެކި ގޮތްގޮތުން މަސައްކަތް ކޮށްދިން ކުދިންނަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ. ތީގެން ކޮންމެ ކުއްޖެއްގެ ފަރާތުން އަޅުގަނޑުވެސް ދަސްކުރަމޭ. އަދި ތީގެ އެންމެ ކުއްޖެއްގެ ކޮންޓްރިބިއުޝަންއާ ނުލާވެސް އަޅުގަނޑުމެންނަށް ކޮވިޑްގެ ފަސްޓް ވޭވްއިން އަރައިނުގެނެވުނީހޭ ބުނެލަން ބޭނުންވޭ".

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *