ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް 2 ގައު ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ހުޅުމާލޭ ހިޔާ އަވަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓަށް ރަނގަޅު ބަދަލެއް ގެނެސްދޭން އެމަނިކުފުފާނު އަރިހުން ރައްޔިތުން ދިޔައީ އެދެމުންނެވެ.
މިގެވުނު ބަދަލާ ގުޅިގެން ތިން ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓުން 17,000 ރުފިޔާ އުނިކުރަން ވަނީ ނިންމާފަ އެވެ. އެހެން ކަމުން ޑައުންޕޭމަންޓަށް ދައްކަން ޖެހޭ 25,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 8,000 ރުފިޔާ އެވެ.
އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް ކުއްޔާއި މެއިންޓަނަސް ފީގެ ގޮތުގައި ދައްކަން ޖެހޭ 10,500 ރުފިޔާއިން ވަނީ 500 ރުފިޔާ އުނިކޮށްފަ އެވެ. އެހެން ކަމުން ދެން ދައްކަން ޖެހޭނީ މަހަކު 10,000 ރުފިޔާ އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓަކީ 15,000 ރުފިޔާ އެވެ. ނަމަވެސް ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ އެވެ. އަދި މަހު ކުލިވެސް ވަނީ 7,000 އިން 6,000 އަށް ކުޑަކޮށްފަ އެވެ.