ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އަނބިކަނބަލުން ބުޝްރާ ބީބީ އަށް އިތުރު 17 އަހަރުގެ ޖަލުހުކުމެއް އިއްވައިފި އެވެ.
މިހާރުވެސް 14 އަހަރުގެ ޖަލުހުކުމެއް ތަންފީޒްކުރަން ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަށް އިތުރު 17 އަހަރުގެ ޖަލުހުކުމެއް އިއްވާފައި މިވަނީ އެ ބޭފުޅާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުއްވުމަށްފަހު އެވެ.
މި ހުކުމާ ގުޅިގެން ބޮޑުވަޒީރު އިމްރާން ހާންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ މިހުކުމުގެ ކުރިން އިމްރާން ހާން އަށް ދިފާއުވުމުގެ ފުރުސަތުވެސް ލިބިދީފައި ނުވާ ކަމަށާއި އަދި ހުކުމުގައި ބޮޑު ޖޫރިމަނާއެއް ދެއްކުމަށް ހިމަނާފައިވާ ކަމަށެވެ.
2022 ވަނަ އަހަރު އިމްރާން ހާން ގެ ވެރިކަން ވައްޓާލުމަށްފަހު އެމަނިކުފާނު ވަނީ 14 އަހަރުގެ ޖަލުހުކުމެއް އިއްވައި 2023 ވަނަ އަހަރު ޖަލައްލާފައެވެ. އެހެންކަމުން މިއަދު އިއްވި 17 އަހަރުގެ ޖަލުހުކުމް ތަންފީޒްކުރަންފަށާނީ މިހާރު ތަންފީޒްކުރަމުންދާ 14 އަހަރުގެ ޖަލުހުކުމް ތަންފީޒްކޮށް ނިމުމަށްފަހުގައެވެ.




