Ad
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ވޯޓުލާން ބޭނުންކުރި ވޯޓު ކަރުދާސްކޮޅެއް/ ފޮޓޯ: މުޙައްމަދު ޝާތިރު
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ވޯޓުލާން ބޭނުންކުރި ވޯޓު ކަރުދާސްކޮޅެއް/ ފޮޓޯ: މުޙައްމަދު ޝާތިރު

ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަން އުފެދުނީ ކީއްވެ؟

11 ނޮވެންބަރު 1968ގައި ދިވެހިރާއްޖޭގައި މިޖުމްހޫރިއްޔަތުގެ ވެރިކަން ޤާއިމުކުރެވުނީ ކީއްވެ؟
1857 ވަނަ އަހަރުން ފެށިގެން 105 އަހަރަށްފަހު، ވޯރާ ވިޔަފާރިވެރިންގެ ކިބައިން، ރާއްޖޭގެ އިޤްތިޞާދު މިނިވަން ކުރެވުނީ 1 އޮގަސްޓު 1962 ގައެވެ. އަދި 1959 ވަނަ އަހަރުން ފެށިގެން އައްޑުއާއި ދެކުނުގައި ހިނގި މައްސަލަތަކަށް 1963 ގައި ހައްލެއް ލިބުނެވެ. 1887 ވަނަ އަހަރުން ފެށިގެން 77 އަހަރު، އިނގިރޭސިވިލާތުގެ ޚާރިޖީ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނެވެ.
21 ސެޕްޓެންބަރު 1965 ގަައި ދިވެހިރާއްޖެއަށް އދ ޖަމާއަތުގެ މެންބަރުކަން ލިިބި, ބައިނަލްއަޤުވާމީ މުޖުތަމަޢުގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ހައިސިއްޔަތު ލިބުނެވެ. އަދި 12 އޮކްޓޯބަރު 1965 ގައި އ.ދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނެގި، ބައިނަލްއަޤުވާމީ ސަފުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ވިހުރުވޭން ފެށިއެވެ. މިނޫންވެސް ސިޔާސީގޮތުންނާއި، އިޖުތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އަދި ޤައުމީ ތަރައްޤީގެ އެންމެހައި ދާއިރާތަކުން އޭރު ރާއްޖެއަށް ވަނީ އޭގެ ކުރިން ނުލިބޭފަދަ ގިނަގުނަ ކާމިޔާބީތަކާއި ކުރިއެރުންތައް ލިބިފައެވެ.
އެއީ ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރު، 1957-1968ގެ ބޮޑުވަޒީރު ކަމުގައެވެ.
އޭރުގެ މުފައްކިރުންގެ ޢިބާރާތުންނަމަ، "ޤައުމިއްޔަތުގެ އާރާއިބާރާާއި، ފަޚުރާއި ޝަރަފާއި، ނަޞްރާއި ނަޞީބާއި ކާމިޔާބާއި، އަބުރާއި އިއްޒަތާއި ކަރާމަތާއި، މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ޒަޢީމަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނާޞިރުލްޙުއްރިއްޔާ) ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ."
ދިވެހިރާއްޖޭގައި ހިނގަމުންދާ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ (ދެވަނަ ޖުމްހޫރިއްޔަތު ނުވަތަ މިޖުމްހޫރިއްޔަތު ގާއިމުކުރުމުގެ) ޚިޔާލުތައް، 1965ގައި ރާއްޖެ މިނިވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މިޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވަޒީރުންގެ މަޖިލީހުގައި ކަމާބެހޭ މަޝްވަރާކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގަައި ބަހުސްކުރެވުނެވެ.
ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. އެއީ 36,997 (ތިރީސްހަހާސް ނުވަސަތޭކަނުވަދިހަހަތެއް) މީހުންނެވެ. ރަސްކަމަށް ވޯޓުދިނީ 8,551 (އައްހާސް ފަސްސަތޭކަފަންސާސްއެކެއް) މީހުންނެވެ.
ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ. ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހެއްދެވިއެވެ.
ދިވެހިރާއްޖޭގެ އެންމެމަތީވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ.
ރައީސުލްޖުމްހޫރިއްޔާ ހޮވުނީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ދެބައިކުޅައެއްބައިގެ އަޣުލަބިއްޔަތުން ހޮވުނު ނަންފުޅަށް (އެބޭފުޅަކު އެކަން ޤަބޫލުކުރެއްވުމުން) ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ސިއްރު ވޯޓެއް ނަގައި އެވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުންނެވެ
ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން އަދި ރައްޔިތުންގެ ފެންނަ ނުފެންނަ އާންމުވޯޓުގެ ވަރަށްބޮޑު އަޣްލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތީ (އޭރުގެ ބޮޑުވަޒީރު) ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
11 ނޮވެންބަރު 1968އަކީ، ޞާޙިބުއްދައުލަތު އިބްރާހީމް. ނާޞިރަށް، ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ، ކަމާބެހޭގޮތުން ދެއްވި ލަފާފުޅާ އެއްގޮތަށް ކަނޑައެޅުނު، ދުނިޔޭގެ ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެންބަރު 1918ގައި ނިމުނުތާ 50 އަހަރުވީ ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ ދުވަސްކަމުގަައިވާ 11 ނޮވެންބަރު 1968 އެވެ.
މަޢުލޫމާތު: މުޙައްމަދު ޝާތިރު
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *