މާލެއަށް މިރޭ ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަަސައްކަތް ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިޔު ޓީމުގެ ސިފައިން ކުރަމުން އަންނަކަމަށެވެ.
މިރޭ 10:00 އެހާކަންހާއިރު ބޯކޮށް ވެހެންފެށި ވާރޭ ތުނިކޮށްލީ ދަންވަރު 12:30 އެހާކަންހާއިރުއެވެ. މިއާއެކު މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވެ ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިވިއެވެ. އަދި ބައެއް ގޭގެއަށާއި ފިހާރަތަކަށް ފެންވަދެ އެކިވަރުގެ ގެންލުންތަށް ވަނީ ވެފައެވެ. ބައެއް މަގުތަކުގައި ކަކުލައްވުރެ މައްޗަށް ފެންބޮޑުވެފައިވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މާލޭގައި އިތުރަށް ފެންބޮޑުވިޔަ ނުދިނުމަށް މަސައްކަތް ސިފައިން މިހާރު ފަށާފައި ވާކަމަށެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން އާންމުގެ ގޭގެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސިފައިން މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
MNDF Fire & Rescue Service and Male Area Command troops are being deployed tonight to prevent the flooding & are actively engaged in draining the flooded locations in Male Area. Troops are also assisting to lessen the damages caused to several houses due to heavy rains. pic.twitter.com/paqZQwWq7Y
— Maj. Gen. Abdulla Shamaal (@CDFofMNDF) November 16, 2020
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. މިގޮތުން މިސަރަހައްދުތަކަށް މިރޭ 23:45 އިން ފަތިހު 4:45 އަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.