ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރަައްގީކުރުމަށް އެމްޓީސީސީ އިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މާލޭ އުތުރު ފަރާތުން ބަނދުކޮށްފަ އޮތް ބަނދަރު ސރަހައްދަށް ފެރީ ކައިރިކުރެވޭ ގޮތަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭ އުތުރުފަރާތު ޕޯސްޓު އޮފީހާއި ބާސެލޯ ނަސަންދުރައާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ލަފައި، ފަސިންޖަރުން އެރުމަށާއި ފޭބުމަށް ވަގުތީ ގޮތުން ހުއްދަދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
އަދި އެސަރަހައްދުން ފެރީ ކައިރި ކުރުމަށް ހާއްސަކޮށްފައިވާ ތަން އެނގޭނެ ޗާޓެއްވެސް އެ އިއުލާނާއެކު ވަނީ އާއްމުކޮށްފައެވެ.
ނަމަވެސް ފެރީ ކައިރިކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށް ވަގުތީގޮތުން ހުއްދަދިން ނަމަވެސް، މަގު ހެދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދަށް އެއްގަމު އުޅަނދުފަހަރު ވަނުމަކީ މަނާ ކަމެއް ކަމަށާއި، އެ ސަރަހައްދު ބޭނުންކުރަމުންދާއިރު އެ ކުންފުނީގެ މުވައްޒަފުން ދޭ އިރުޝާދާއި ލަފައާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.