އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ފާހަގަކުރަން ޖެހޭ ކަމަށެވެ.
އަދި އަމިއްލަ އަށް ލޭ ހަދިޔާ ކުރާމީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތްކުރެވޭ ކަމަށާއި، އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭއަޅަންޖެހޭ ފަރާތްތަކަށް ބޭނުންވާ ލޭ ވަގުތުން ހޯދައިދެވޭ ކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ ލެޔަކީ ޓެކްނޮލޮޖީއާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކުވެސް އިތުރުގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު އެއްޗެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ވަކިވަކިން އުފެސިފައިވާ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށް ރާއްޖެވާއިރު ކޮންމެ ރަށަކުންވެސް ލޭ ލިބޭނެ އިންތިޒާމުތަށް ހަމަޖެހިފައި ހުރުމަކީ ސިއްޙީގޮތުން ދިމާވާ ކުއްލި ހާލަތްތަކުގައި މުހިންމު ކަމެއް ކަމަށެވެ.