ބުރުގާ ނާޅާ ޤުރްއާން ކިޔެވުން ހުއްދަވާނެތަ؟

ދައުލަތުގެ ބޭރުގެ ދަރަނި ބޮޑުވުމުގެ ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަގުނަ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތަންފީޒުކުރި ސިޔާސަަތުތަކުން ގިނަގުނަ ކާމިޔާބުތައް ހާސިލުވެފައިވާކަން ވޯލްޑް ބޭންކުގެ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް- 2026″ ގައި ފާހަގަކޮށްފިއެވެ.

ހިނގަމުންދާ ޖޫން މަހުގެ 11 ވަނަ ދުވަހު ވޯލްޑް ބޭންކުން ޝާއިއުކުރި ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ހަރަދު ކުޑަކުރެވުމުގެ ސަބަބުން 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޑެފިސިޓު 5.1 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވެއެވެ. އެއީ އެ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ 4.3 އިންސައްތައެވެ.

ވޯލްޑް ބޭންކުން ފާހަގަކުރީ ދަައުލަތުގެ ބަޖެޓުގެ ޑެފިސިޓު 2024 ވަނަ އަހަރު ހުރީ 10.8 ބިލިއަން ރުފިޔާ ނުވަތަ އެ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ 9.9 އިންސައްތައިގަ ކަމެވެ.

ބަޖެޓު ޑެފިސިޓު ކުޑަކުރެވިފައިވާއިރު، ދައުލަތުގެ ހަރަދުތައް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 37.1 އިންސައްތައަށް ދަށްކުރެވިފައިވެއެވެ. އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ދަަށްވުމެކެވެ. އަދި ދައުލަތުގެ އާމްދަނީ ގައުމީ އުފެއްދުންތެރިކަމުގެ 33 އިންސައްތައަށް އިތުރުވިއިރު އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12.0 އިންސައްތައިގެ ކުރިއެރުމެކެވެ.

އިތުރަށް އެ ރިޕޯޓުގައި ފާހަގަކުރީ ދައުލަތުގެ ދަރަނީގެ ތެރެއިން ސަރުކާރުން ސުކޫކު ޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، އެސްބީއައިއަށް ދައްކަންޖެހޭ ފައިސާގެ އިތުރަށް ކަރަންސީ ސްވޮޕުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އަނބުރާ ދައްކާފައިވާ ކަމެވެ. އަދި އެއާއެކު ބަނގުރޫޓުވުމުގެ ހިރާސް ނެތިކޮށްލެވިފައިވާ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރު ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދު ގާތްގަނޑަކަށް 450 މިލިއަން ޑޮލަރާ ގާތްކުރާ މިންވަރަކަށް ދަށްވާނެ ކަމުގައި ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރާއި ބޭރު ފައިސާ ބޭރުވާ މިންވަރު ނުވަތަ ކަރަންޓް އެކައުންޓްގެ ފަރަގު ނުވަތަ ޑެފިސިޓު 2024 ގައި 1.5 ބިލިއަން ޑޮލަރުގައި ހުރުމަށްފަހު 2025 ވަނަ އަހަރު 578 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފާހަގަކުރިއެވެ.

އޭގެ އިތުރަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަަލަށް 1.3 ބިލިއަން ޑޮލަރަށް އެރިކަމާއި، އޭޕްރީލު މަހުގައި އަދާކުރަންޖެހުނު ބޮޑެތި ދަރަނިތައް އަދާކުރުމަށްފަހު މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.

ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރީ ބޭރު ފައިސާ މާރުކުރަން ލާޒިމުކުރުމާއި، ޑޮލަރުން ޓެކްސް އާމްދަނީ ދައުލަތަށް ލިބޭނެ ގޮތްތައް ފަހިކުރުމަށް ގެނައި ބަދަލުތަކާއި، 2024 ވަނަ އަހަރުގެ ފަހުކޮޅުގައި އިންޑިޔާގެ ރިޒާވް ބޭންކުން ނެގި ކަރަންސީ ސްވޮޕެވެ.

ވޯލްޑް ބޭންކުގެ އިތުރަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިންވެސް ރާއްޖެއިން ދަރަނި އަދާކޮށް މާލީ ދަތިތަކުން އަރައިގަތުމަށް ކުރި މަސައްކަތުގެ ކާމިޔާބުކަމާއި ނަތީޖާ ނެރެވުނުކަން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *