ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީއަށް އުޅަނދު ފަހަރު ގާތްކުރުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް އެކުލަވާލާފައިވާ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
އިއްޔެއިން ފެށިގެން މި އުސޫލަށް އަމަލުކުރަން ފެށާފައިވާކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެއާޕޯޓުގެ ފަޅުތެރެ ބޭނުންކުރާ އުޅަނދުތައް "ހާބަ ޕޯޓަލް" ގައި ރަޖިސްޓްރީކުރަން ނިންމީ ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ޑިޖިޓަލްކޮށް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓާކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެތީ ކަމަށެވެ.
އަދި އެކުންފުނިން ބުނީ އިއްޔެއިން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފެށިނަމަވެސް މި ޕޯޓަލް ބޭނުންކުރުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި، މަރުހަލާގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ކަންކަމާއި، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ފޯރުކޮސްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެ އިތުރުން ރަޖިސްޓްރީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަޅުވެރިންނާ ސީދާ މުއާމަލާތް ކުރަމުންގެންދާއިރު މި ޕޯޓަލް ގައި ރަޖިސްޓްރީވުމަށް 1 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އަދި އެއަށްފަހު އެއާޕޯޓުގެ ފަޅުތެރެއިން އެއްވެސް ހިދުމަތެއް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮސް ހުއްދައަށް އެދި ހުށަހަޅަންޖެހޭކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.