މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 1 ވަނަ ދުވަހު މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ހޯދަޑު.މަނާގެ، ޒަޔާން ޢަބްދުއްލަޠީފް (22އ) އާއި ވ. ފުލިދޫ / އެވަރެސްޓް، އަޙްމަދު ދައުސް ޢަބްދުލްޤާދިރު (19އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ތެރެއިން ޒަޔާން ޢަބްދުލްޤާދިރު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށާއި، އަދި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 20.78 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ
މީގެ އިތުރުން އަޙްމަދު ދައުސް ޢަބްދުލްޤާދިރު ހައްޔަރުކޮށްފައިވަނީ ފުލުހުން މާލެތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ 27.32 ގުރާމުގެ ތަކެތި ފެނިފައިވާތީ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒަޔާން ޢަބްދުލްލަޠީފް 15 ދުވަހަށް އަދި ދައުސް ޢަބްދުލްޤާދިރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.