އެއްގަމުއުޅަނދުގެ އަހަރީފީގެ ފައިސާ މާލޭ ސިޓީކައުންސިލް ބަޖެޓުން އުނިކޮށް ސަރުކާރަށް ނެގޭގޮތް ހެދުމަށް ހައުސިންގ މިނިސްޓަރ ޑރ އަބްދުއްﷲ މުއްތަލިބް ގޮވާލައްވައިފި އެވެ.
މިނިސްޓަރ ޑރ މުއްތަލިބް މިހެން ވިދާޅުވީ ކައުންސިލްގެ ބަޖެޓު އެންމެ ފަހުން އިއުލާން ކުރިއިރު، މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިތީ ކައުންސިލަށް 130 މިލިއަނާއި، 140 މިލިޔަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭކަން ލަފާކޮށްްފައިވާއިރު މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ވިސްނުމެއް ކައުންސިލުގައި ނެތްކަންކަމަށް ވިދާޅުވެ ސަރުކާރުން މާލޭގެ މަގުތައް ހެދުމުގެ ވިސްނުން ހުރީ ކޮންގޮތަކަށްތޯ ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބް އާއި ރައްޔިތުންގެ މަޖިޅިހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލުގެ ޖަވާބުދެއްވަމުން މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ މާލެއާއި ހުޅުމާލެ ހިމެނޭހެން ގާތްގަނޑަކަށް 150 މިލިއަނެއްހާ ރުފިޔާ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި ނަމަވެސް ކައުންސިލުން މަގުތައް އެކަށީގެންވާގޮތެއްގައި ހަދައި، މަރާމާތުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މީގެ އިތުރުން މަގު ހެދުމަކީ ކައުންސިލްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއަކަށްވާއިރު ސަރުކާރުން ތާރު އަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަ ދީ، އެތަން ހަލާކު ކޮށްލާފައި ދާއިރު އެ ތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީވެސް މާލޭ ސިޓީ ކައުންސިލްގައި ނެތްކަމަށެވެ.
އެހްނަކަމުން މާލޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި އަހަރަކު ލިބޭ 150 މިލިއަން ރުފިޔާއަކީ މާލޭ ސިޓީކައުންސިލަށް ލިބެންޖެހޭ ފައިސާ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެ ފައިސާ ސަރުކާރަށް ލިބުމުން މަގުތައް ޒާމާނީ ފެންވަރަށް ހެދުމަށް ސަރުކާރަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރ ޑރ މުއްތަލިބު ވިދާޅުވި އެވެ.