އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިފްތިތާޙްކޮށްދެއްވައި އެވެ.
އއ އުކުޅަހުގައި ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވި ދިވެހި ރާއްޖޭގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭނަކީ 2026-2029 އަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތާއި ސަމާލުކަން ދޭނެ ކަންކަމުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭ ޕްލޭނެކެވެ.
މި ސްޓްރެޓީޖިކް ޕްލޭނާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އަލަށް އެކުލަވާލި ޕްލޭނަކީ ޒަމާނީ ކަންކަން ހިމަނައިގެން އޭގެ މައްޗަށް އިތުބާރާއި ބަރޯސާ ވެވޭނެ އަދި ނަތީޖާ ހާސިލްކުރެވޭނެފަދަ ތަސައްވުރަކާއެކު އެކުލަވލާފައިވާ ސްޓްރެޓީޖިކް ޕްލޭނެއް ކަމަށެވެ.
އެގޮތުން ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި، އާއްމު ޕޮލިސީތައް ތަންފީޒްކުރެވޭ މިންވަރު ދެނެގަތުމަށް އައު ޕްލޭނުގައި އިސްކަންދީފައިވާނެ ކަމަށްވެސް ނިޔާޒީ ވިދާޅުވި އެވެ.