ރިސޯޓުތަކުގެ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ އެމްއެމްއޭ މެދުވެރިކޮށް މާރުކުރަން މަޖުބޫރުކުރުމަކީ އިގުތިސާދަށް ބޮޑެތި ގެއްލުން ލިބޭނެ ކަމެއް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމަކީ ފަތުރުވެރިކަމަށާއި އިގުތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމެއް ކަމަށާއި، އަދި ފައިސާ މާރުކުރުމުގެ މުއްދަތު އެއް މަހަށް ކުރުކުރުމާއި، ބާކީ ފައިސާ ހޭދަކުރާ ގޮތް ބެލުމުގެ އުސޫލެއް ހަދަން އުޅޭކަން އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ހާމަކުރައްވާފައިވުމަކީ ވަރަށްބޮޑު ކަންބޮޑުވެމެއް ކަމަށެވެ.
މީގެއިތުރުން، އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފައިވާކަމަށާއި، ރިސޯޓުތަކުގެ ހަރަދުތަކާއި ލޯނުތައް ޑޮލަރުން ދައްކަންޖެހޭއިރު، މަޝްވަރާއެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބޭއިންސާފެއް ކަމަށްވެސް މެންބަރު މައުރޫފު ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައި ވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް، މެންބަރު މައުރޫފުގެ ކުއްލި މައްސަލައާއި ބެހޭގޮތުން ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭ ގޮތުން ކުއްލި މައްސަލަ ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ބޭރު ފައިސާއާ ބެހޭ ބިލު ކޮމިޓީން ނިންމި ރިޕޯޓު މިހާރުވެސް އެޖެންޑާކޮށްފައި އޮތުމުން، މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރިޔާސަތުން ނިންމާ ކަމަށް މަޖިލީހުގެ ނައިބްރައީސް އަހްމަދު ސަލީމް ވިދާޅުވި އެވެ.