ޤައުމެއް ބިނާކުރުމާއި ތަރައްޤީކުރުމުގެ މައިގަނޑު ބިންގަލީ އަންހެނުންގެ ޤާބިލުކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދަޅުވެއްޖެ އެވެ.
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ ވިދާޅުވީ ވިލުންތެރިކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ޤައުމެއް ބިނާކުރުމާއި ތަރައްޤީކުރުމުގެ މައިގަނޑު ބިންގަލަކީ އަންހެނުންގެ ޤާބިލުކަން އިތުރުކުރުން ކަމަށާއި، އެހެންކަމުން އާންހެނުން ވިލުންތެރިކުރުވުމަށް ބޭއްވޭ މިފަދަ ޕްރޮގްރާމުގެ ސަބަބުން އަންހެނުންނަށް ޢަމަލީ އަދި ފިކުރީ އެތައް ހުނަރުތަކަކާއި މަޢުލޫމާތުތަކެއް ލިބިދޭނެ ކަމަށެވެ.
އަދި މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ގޭތެރޭގައި ދިމާވާ ކަންކަމަށް އީޖާދީ ޙައްލު ހޯދުމަށާއި އިޖުތިމާޢީ އަދި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިވުމަށް މަގުފަހިވާނެ ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވި އެވެ.
މީގެ އިތުރުން މެޑަމް ސާޖިދާ ވިދާޅުވީ އަންހެނުންނަކީ ޤައުމެއްގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމަށާއި، ޤައުމެއް އާރާސްތުކުރުމުގެ ހިންމަތާއި މިންނަތުގެ ޖޯޝާއި ވިންދަކީ އަންހެނުންކަމަށެވެ.