އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބު ބްރައިޓަންއަށް ކުޅެމުންއައި ކެމަރޫންގެ މިޑްފީލްޑަރު ކާލޯސް ބަލެބާ، މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ބަލެބާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ސޮއި ހޯދި 3 ވަނަ މިޑްފީލްޑަރެވެ.
މެންޗެސްޓަރ ޔުނައިޓެޑުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބަލެބާ އެ ކުލަބާ ގުޅިފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެކުލަބުން ބުނީ ބަލެބާ އެކުލަބާއެކު ހަދާފައިވާ ކޮނޓްރެކްޓްުގެ ދށުން 2031 ވަނަ އަހަރުގެ ނިޔަލަށް އެ ކުލަބުގައި ހޭދަކުރާނެ ކަމަށާއި، އަދި އެއަށްފަހު އިތުރު 1 އަހަރަށް އެއްބަސްވުން އާކުރުމުގެ އިހުތިޔާރު ވެސް އެ ކުލަބަށް އެ އެއްބަސްވުމުގެ ދަށުން ލިބިދީފައިވާ ކަމަށެވެ.
ނަމަވެސް، މި ޓްރާންސްފާގެ އަގު އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.
ބްރައިޓަންއިން ކުރިން ބަލެބާ ދޫކޮށްލަން ނިންމާފައި އޮތީ 100 މިލިއަން ޑޮލަރަށެވެ. ނަމަވެސް، ޔުނައިޓެޑުން އޭނާ ހޯދާފައިވަނީ 70 މިލިއަން ފައުންޑް (95 މިލިއަން ޑޮލަރު) އަށެވެ. މިއާއެކު، މި ޓްރާންސްފާ ވިންޑޯގައި މިޑްފީލްޑް ވަރުގަދަކުރުމަށް ޔުނައިޓެޑުން ކުރި ހޭދަ ވަނީ 150 މިލިއަން ފައުންޑް (204 މިލިއަން ޑޮލަރު) އަށް ވުރެ އިތުރުވެފައެވެ.

ކެމަރޫންގެ ދުއާލާއަށް އުފަން ބަލެބާގެ ފުޓްބޯޅަ ކެރިއަރު ފެށީ 2022 ވަނަ އަހަރު ފްރެންޗް ލީގުގެ ލިލް އިންނެވެ. އޭގެ ފަހުން އޭނާ ބްރައިޓަންއާ ގުޅި، އެ ޓީމަށް ޖުމްލަ 100 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވެއެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅޭ ބަލެބާ ހޯދުމަށް ޔުނައިޓެޑުން މިދިޔަ އަހަރުގެ ހޫނު މޫސުމާއި، މިއަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ވެސް މަސައްކަތް ކުރިއެވެ.
ނިމިދިޔަ ސީޒަނުގައި ބަލެބާ ވަނީ ޕްރިމިއާ ލީގުގައި 31 މެޗު ކުޅެފައެވެ. އޭނާ ވަނީ ޓެކްލް ކުރުމާއި ބޯޅަ ހޯދުމުގެ ތަފާސްހިސާބުތަކުން ލީގުގެ ގަދަ 8 އިންސައްތަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އަދި ދެވަނަ ބޯޅަ (ސެކަންޑް ބޯލް) ކާމިޔާބުކުރުމުގައި ލީގުގެ އެންމެ ކުރީގެ 1 އިންސައްތަ ކުޅުންތެރިންގެ ތެރޭގައި ހިމެނި، ބްރައިޓަން ޔުއެފާ ކޮންފަރެންސް ލީގަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އޭނާ އަދާކޮށްފައި ވެއެވެ.
ޔުނައިޓެޑުން އަލަށް ގެނައި ތިން މިޑްފީލްޑަރުންނަކީ، އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އިންޓަ މިއާމީއާ ގުޅުނު ބްރެޒިލްގެ ކެސެމީރޯ ނެތްތަން ފޫބެއްދުމަށް ގެނައި ކުޅުންތެރިން ކަމަށް އެ ކުލަބުން ބުނެއެވެ.
ބަލެމާ ބުނީ އޯލްޑް ޓްރެފޯޑުގައި ކުޅުމަކީ އަބަދުވެސް ދެކުނު ހުވަފެނެއް ކަމަށާއި އެހެންކަމުން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި އެ ދަނޑަށް ނުކުތުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.