Ad

ރައީސުލްޖުމްހޫރިއްޔާ، އެމް.އެން.ޑީ.އެފް. އެޑިއުކޭޝަން ކޮމާންޑްގެ ޓީ.ބީ.އެސް. ހުޅުއްވައިދެއްވައިފި

ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑްގެ ދެ ބްރާންޗްގެ ތެރެއިން އަސްކަރީ ހުނަރުތަކުގެ ތަމްރީނުތައް ހިންގާ ޓްރެއިނިންގ ބްރާންޗެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޅ. މާފިލާފުށްޓަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވައިފިއެވެ. އެ މަނިކުފާނު މި ސްކޫލް ހުޅުއްވައިދެއްވާފައި ވަނީ މިއަދު މެންދުރު މާފިލާފުށީގެ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ.

ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑްގެ ދެ ބްރާންޗްގެ ތެރެއިން އަސްކަރީ ހުނަރުތަކުގެ ތަމްރީނުތައް ހިންގާ ޓްރެއިނިންގ ބްރާންޗެވެ. މިއީ އަސްކަރިއްޔާގެ އެންމެ އަސާސީ ތަމްރީނާއި، އަސްކަރީ ބޭސިކް ސްކިލްސްގެ ދާއިރާތަކުން މުދައްރިބުން ބިނާކުރުމަށްޓަކައި ހިންގާ ތަމްރީނުތައް ހިންގުމަށް އުފައްދާފައިވާ ޚާއްޞަ ސްކޫލެކެވެ.

އެ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަރުކަޒުގެ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ. މި ގޮތުން އެ މަނިކުފާނު ވަނީ އެ ތަނުގެ އެޑްމިން ބްލޮކަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވައިލައްވާފައެވެ. އެޑްމިން ބްލޮކަކީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގެ ފުރަތަމަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ނޮދަރން އޭރިޔާ ހެޑްކުއާޓަރޒް އަދި ހުރިހާ ތަމްރީނުތަކެއްގެ އިދާރީ ހިންގުން ބަލަހައްޓާ މައި އޮފީހެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރގެ ކޮމްޕައުންޑަށް ވަޑައިގަންނަވާ، އެ ތަން ބައްލަވައިލައްވާފައެވެ. މި ތަނަކީ އަސާސީ ތަމްރީނު ދިނުމަށް ޚާއްޞަކޮށްގެން އެއްފަހަރާ 190 ދަރިވަރުންނަށް ތަމްރީނު ދެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ. މި ތަނުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ.

ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރ ބައްލަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި ހަނދާނީ ރުކެއް ވެސް އިންދަވައިދެއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *