މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު މަސައްކަތް ކުރަމުންއަންނަ ސެގްމަންޓް-1 ގައި ތާރު އެޅުމަށް މިހާރު ތައްޔާރުވެފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
އެކުންފުނިން ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަ ސެގްމަންޓް-1 ގެ ސަބްގްރޭޑް އާއި މަރާމާތުގެ 90 އިންސައްތަ މަސައްކަތް މިއަދަށް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ދެން އޮންނާނީ ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.
އަދި މިހާރު އެ ސެގްމަންޓްގައި ކުރިއަށްދަނީ މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގެ މަސައްކަތްތައް ކަމަށާއި، އަދި ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިއަދު ފެށޭނެ ކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.
އަމީނީ މަގުގެ ހުޅަގުން ބޮޑު ސަރަހައްދެއް އާންމު ދަތުރުފަތުރަށް އުނދަގޫވާވަރަށް ހަލާކުވެފައިވާތީ އެ މަގުގެ މަރާމާތުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރުމާ ގުޅިގެން އެ މަގުގެ މަރާމާތުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
އެގޮތުން ފުރަތަމަ ސެގްމަންޓުގެ ގޮތުގައި މަރާމާތުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ކުރީގެ ހައުސިންގ މިނިސްޓްރީން ފެށިގެން ހުޅަނގަށް އެމަގު ނިމެންދެން އޮތް ސަރަހައްދުގެ މަސައްކަތެވެ.
އެކުންފުނިން ބުނީ ސެގްމަންޓް-2 ގެ ގޮތުގައި ދެން މަސައްކަތް ފަށާނީ ހައުސިންގ މިނިސްޓްރީން ފެށިގެން އިރަށް ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ކަމަށާއި އެ ސެގްމަންޓްގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.