Ad

ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ: ރައީސުލްޖުމްހޫރިއްޔާ

މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ނިރުބަވެރިކަމުގެ ޢަމަލުތައްކަމުގައި ރައީސް ވިދާޅުވި

ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މި ދެންނެވި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ ދިފާޢުކުރުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ޙާޞިލްކުރުމުގެ ތަމްރީނުތައްކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގެ ޚިދުމަތަކީ ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެއް ކަމުގައެވެ. އަދި، އެތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، އެ ތަނުން ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައި ވެސް ފެންނަންޖެހޭނެކަމަށާއި، ތަމްރީނު މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތު ކޮށްދޭންޖެހޭނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ނިރުބަވެރިކަމުގެ ޢަމަލުތައްކަމުގައެވެ. އަދި، ސިފައިން ޙާޞިލްކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ނިރުބަވެރިކަން ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަމުގައި އެ މަނިކުފާނު ދެކިވަޑައިގަންނަވާ ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *