ރާއްޖޭގެ އެންވާރަމަންޓް މިނިސްޓަރު އިންޑިއާގެ އެންވާރަމަންޓް މިނިސްޓަރާ ބައްދަލުކުރައްވައިފި ޢަލީ ޝަރީފް، އިންޑިއާގެ ޔޫނިއަން ކެބިނެޓް މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް، ބުޕެންދަރ ޔާދަވްއާ ބައްދަލުކުރައްވައިފިއެވެ.
މޮންގޯލިއާގެ އުލާންބާތާގައި މިހާރު ކުރިއަށްދާ ޔޫއެންސީސީޑީ ކޮޕް-17 ސަމިޓުގެ ހަވާސާގައި، ބޭއްވި މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެގޮތުން، ގުދުރަތީ ނިޒާމުތައް އިއާދަކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، ސެޓެލައިޓް ޑޭޓާއާއި ޖައްވީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން ކަނޑޫފާ ރައްކާތެރިކޮށް އާލާކުރުމުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށްވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެންވާރަމަންޓް މިނިސްޓރީން ބުނެއެވެ.
މީގެއިތުރުން، ރިމޯޓް ސެންސިންގ އަދި އާތު އޮބްޒަވޭޝަންގެ ދާއިރާއިން މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާކުރުމަށާއި، ގޮނޑުދޮށާއި ކަނޑުގެ ދިރުންތަކުގެ ނިޒާމުތައް ބެލެހެއްޓުމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައި ކަމަށް އެންވާރަމަމަންޓް މިނިސްޓރީން ބުނެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފްގެ އަރިހުގައި ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން ބައިވެރިވެވަޑައިގެންނެވިއެވެ.