އާޖެންޓީނާއަށް އުފަން، ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ޓެވޭޒްގެ ކެރިއަރުގައި މިހާތަނަށް ތަފާތު ޗެލެންޖުތަކާ ދިމާ ވެ، އެކަންކަމާ ކުރިމަތިލައި، ކާމިޔާބުވެސް ކޮށްފައި ވެއެވެ. މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް ފަދަ ބޮޑެތި ކްލަބުތަކުގައި ވިދާލި ކާލޯސް ޓެވޭޒްގެ ކެރިއަރުގައި މިއީ ފަހު އަހަރުއެވެ.
އާޖެންޓީނާގެ ފުޓުބޯޅަ ކޮވިޑަށް ފަހު އަލުން ފެށި ފެށުމަށް ޓެވޭޒް ވަނީ ކުރިން ފާޑުވެސް ކިޔާފައެވެ. ޓެވޭޒް ބުނެފައި ވަނީ ވިޔަފާރީގެ ވިސްނުން އޭނާއަށް ބަލައިގަނެވޭ ނަމަވެސް، ގޭގެ ވަށައިގެން އެތައް ބަޔަކު ވައިރަސްގައި މަރުވަމުންދާތަން ފެނުމަކީ އަނބުރާ ދަނޑަށް ނުކުންނަން އުނދަގޫވާ ފަދަ މަންޒަރުތަކެއް ކަމަށެވެ. މިހާރު އުމުރުން 36 އަހަރުގެ ޓެވޭޒް އަކީ މިއަދު އޭނާގެ ހޯމް ކްލަބު ބޮކަ ޖޫނިއާސްގެ ކެޕްޓަނެވެ.
ކޮރޯނާ ވައިރަސްއަކީ ޓެވޭޒްއަށް ހިތި ދުވަސްތަކެއް ގެނުވި އެއްޗަކަށް ވެއްޖެއެވެ. ޓެވޭޒްއަށް ބަލި ޖެހުމަކުން ނޫނެވެ. ޓެވޭޒްގެ ބައްޕަގެ ރޯލް އަދާކުރަމުން އަންނަ ރައިމުންޑޯ ޓެވޭޒްއަށް ކޮވިޑް ޖެހި، ހާލު ބޮޑު ދުވަސްތަކެއް ތަހައްމަލު ކުރަމުންދާތީއެވެ. ޓެވޭޒްގެ ބައްޕައަކީ ސެގުންޑޯ ޓެވޭޒްއެވެ. އޭނާ ވަނީ ޓެވޭޒްގެ އުމުރުން އެންމެ ފަސް އަހަރުގައި މަރުވެފައެވެ. ސެގުންޑޯ މަރުވެފައިވަނީ ޓެވޭޒް އުޅެބޮޑުވި ފަގީރު ހިސާބުގަނޑުގައި ހިނގި ހަމަލާ ބަދަލުކުރުންތަކެއްގައެވެ.
އެހިސާބުން ޓެވޭޒް ބައްޕައެއްގެ ގޮތުގައި ބަލައިގެން ދިރިއުޅުނީ ބޮޑުބޭބެ، ރައިމުންޑޯ އާއެކުގައެވެ. ކޮވިޑްގެ ރާޅާއެކު ޓެވޭޒްގެ އާއިލާއަށް ބޮޑު މާޔޫސްކަމެއް ވެރިވީ ރައިމުންޑޯއަށް ބަލި ޖެހި، 45 ދުވަސް ވަންދެން އައިސީޔޫގައި ފަރުވާ ދޭން ޖެހުމުންނެވެ. ޓެވޭޒްގެ ބައްޕަ ކަމަށް އޭނާ ބަލާ ރައިމުންޑޯ ކޮވިޑުން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، ފަހުން އަނެއްކާވެސް އެނދުމަތި ކުރަން ޖެހުނީ ހާލު ދެރަވެގެންނެވެ.
"ހަޤީޤަތުގައިވެސް ބައްޕަގެ ހާލަތާ މެދުކަންބޮޑުވޭ. އަހަންނަށް ފުޓްބޯޅަ ކުޅެން އުނދަގޫވާ ހިސާބަށްދޭ. މިހާލަތުގައި ކުޅުމަކީ ބޮޑު ވޭނެއް." ޓަވޭޒް ބުންޏެވެ.
ޔޫރަޕުގެ ކުޅުނު އިރުވެސް އޭނާއަށް އެންމެބޮޑު މައްސަލައަކަށްވީ އައިލާމަތިން ހަނދާންވެ އަމިއްލަ ރަށުގައި ދިރިއުޅެން ބޭނުންވުމެއެވެ. އެންމެފަހުން ޔޫރަޕުގައި ކުލަބަތަކަށް ކުޅުން ހުއްޓާލުމަށްފަހު ޓެވޭޒް އަމިއްލަ ގައުމަށް އާޖެންޓީނާއަށް ބަދަލުވީ އައިލާއެކު ވަހުތު ހޭދަކުރުމުގެ ބޭނުމުގައެވެ.