އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއަދު ހަވީރު މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އުމްރާނީ ތަރައްޤީއާއި، އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން ކަމަށެވެ.
އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ، ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.




