ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.
ސިފައިން ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިގޮތުން ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރެއްވުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރަމެވެ. މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.




