އިންޖިނޭރުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ "އިންޖިނިއަރސް އެވޯޑް 2026″ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެވެ.
ބަރސެލޯ ނަސަންދުރާގައި މިރޭ އޮތް "އިންޖިނިއަރސް އެވޯޑް 2026″ އަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރީންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދަޅުވެފައެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލެއްވިއިރު، މިރޭގެ ހަފުލާގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް އަދި ވިމެން އިން އިންޖިނިއަރިންގ އެވޯޑް އަރުވާފައިވެއެވެ. މީގެ އިތުރުން، މިރޭ އެރުވި އެވޯޑްތަކުގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑްވެސް ހިމެނެއެވެ.
މި އެވޯޑްތައް އޭގެ ޙައްޤުވެރީންނަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަތްޕުޅުންނެވެ. "އިންޖިނިއަރސް އެވޯޑް 2026″ ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް އެރުވިއިރު، މީގެ ތެރެއިން 2 ބޭފުޅަކަށް އެވޯޑް އަރުވާފައިވަނީ އެ ބޭފުޅުންގެ ހަނދާނަށެވެ. "އިންޖިނިއަރސް އެވޯޑް 2026″ ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ޢަބްދުއްޝަކޫރު ޞާލިޙް، އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުޙޫމް މުޙައްމަދު ރަޝީދު އަށެވެ.
މިރޭގެ ހަފުލާގައި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް ހާސިލުކުރެއްވީ ޑޮކްޓަރ ފުރުޤާން އިބްރާހީމްއެވެ.




