ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ޗީފް އެގްޒެކެޓިވް ޖޯން ޓަރނަސް، އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވި ފުރަތަމަ އިވެންޓުގައި، އެޕަލްގެ ތާރީޚުގައި ވެސް މިހާތަނަށް ނެރޭ އެންމެ އަގުބޮޑު އަދި ފުރަތަމަ ފަށްޖަހާ ފޯން ކަމަށްވާ "އައިފޯން ޑުއޯ" ދައްކާލައިފިއެވެ.
މި މަހުގެ ކުރީކޮޅު، ގިނަ ދުވަސްތަކެއް ވަންދެން ސީއީއޯގެ މަގާމުގައި ހުންނެވި ޓިމް ކުކްގެ ބަދަލުގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވި ޓަރނަސް، ކެލިފޯނިއާގައި ހުންނަ އެޕަލްގެ މައި މަރުކަޒުގައި ބޭއްވި މި ޚާއްސަ އިވެންޓުގައި ތައާރަފްކުރި މި ފޯނަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އައިފޯނުގެ ޑިޒައިނަށް ގެނައި އެންމެ ބޮޑު ބަދަލެވެ.
ފަށްޖަހާ ފޯނުތަކުގެ ބާޒާރަށް އެޕަލް މި ވަނީ ސެމްސަންގް އަދި ވާވޭ ފަދަ ވާދަވެރިންނަށް ވުރެ ތަންކޮޅެއް ފަހުން ނަމަވެސް، ޓަރނަސް ވިދާޅުވީ އެހެން ކުންފުނިތަކުގެ ފަށްޖަހާ ފޯނުތައް ހީވަނީ ދެ ފޯނު އެކުގައި ތަތްކޮށްލާފައިވާ ހެން ކަމަށާއި، ނަމަވެސް އެޕަލްގެ މި އުފެއްދުމުން ފަށްޖަހާ ފޯނު ބޭނުންކުރުމުގެ ތަޖުރިބާ މުޅިން ބަދަލުކޮށްލާނެ ކަމަށެވެ.
އަށް އަހަރު ދުވަހުގެ މަސައްކަތުން ތަރައްގީކުރި މި ފޯނުގެ އަގު އުޅެނީ 1،999 ޑޮލަރާއި 3،200 ޑޮލަރާ ދެމެދުގައެވެ. މި ފޯން ހުޅުވާލުމުން ކުޑަ އައިޕެޑަކާ ވައްތަރުވާއިރު، ފަތްޖަހާލުމުން ފުޅާ އައިފޯނެއްގެ ގޮތުގައި ފަސޭހަކަމާއެކު އެއްއަތުން ބޭނުންކޮށްލެވެއެވެ.
މި އިވެންޓުގައި އެޕަލް އިން ވަނީ އައިފޯން 18 ޕްރޯ (އަގު: 1،199 ޑޮލަރު) އަދި 18 ޕްރޯ މެކްސް (އަގު: 1،299 ޑޮލަރު) ގެ އިތުރުން "ސިރީ އޭއައި" ވެސް ތައާރަފްކޮށްފައެވެ. ސިރީ އޭއައި މެދުވެރިކޮށް މެސެޖުތަކާއި އީމެއިލްތައް ބަލައި، ޔޫޒަރުންގެ ފަރާތުން ކަންކަން ކޮށްދިނުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. ޓަރނަސް ވިދާޅުވީ މިއީ ޒާތީ މައުލޫމާތުތައް ބޭނުންކުރާ ނިޒާމަކަށް ވިޔަސް، އެ މައުލޫމާތުތަކުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާ ކަމަށާއި، އެޕަލް އަށް ވެސް އެ މައުލޫމާތުތައް ނުފެންނާނެ ކަމަށެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ފަށްޖަހާ ފޯނުތަކުގެ މާކެޓްގެ ބޮޑު ބައެއް (ގާތްގަނޑަކަށް %80) ޗައިނާގެ ވާވޭ އިން ކޮންޓްރޯލް ކުރަމުންދާއިރު، އައިފޯން ޑުއޯ އަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި މިއީ އަގުބޮޑު ލަގްޒަރީ އުފެއްދުމަކަށް ވުމުން، މީގެ ވިޔަފާރި ހިނގާނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.




